ދިވެހި ރާއްޖޭގެ ޖުމުހޫރީ ހަޔާތަށް ބަލާއިރު ފެންނަން އޮތީ ކަޅު މަންޒަރެކެވެ. ދިވެހި ޖުމްހޫރިއްޔާގެ އެއް ރައީސުން ފިޔަވާ އެހެން ހުރިހާ ރައީސުންނަށް ވަނީ ޖަލު ހުކުމެއް ނުވަތަ އަރުވާލުމަށް ހުކުމް އައިސްފައެވެ. އެއްވެސް ހުކުމެއް ނާންނަ ބޭފުޅަކީ ޑރ. މުހައްމަދު ވަހީދު ހަސަންއެވެ.
ރައީސް މުހައްމަދު އަމީން
ރައީސް މުހައްމަދު އަމީނަކީ ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ހަތްމަހާއި ވިއްސަކަށް ދުވަހު ވެރިކަން ކުރެއްވެ އެ ރައީސް ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރާއްޖެ ވަޑައިގަތުމުން ޖަލަށް ލެވުނެވެ. އަދި ވަރަށް އަނިޔާވެސް ކުރެވެނުވެ. އަވަހާރަވީވެސް އެ އަނިޔާތަކުގައި ކަމަށް ތާރީޚީ އިލްމުވެރިން ވިދާޅުވެއެވެ.
ރައީސް އިބްރާހިމް ނާސިރު
އިބްރާހިމް ނާސިރުގެ ރިޔާސީ ވެރިކަމަށް ފަހު ދެން ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކުރެވުނީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ހިންގެވިކަމަށް ތުހުމުމަތު ކުރެވޭ ޚިޔާނަތްތައް ބެލީ އޭރުގެ ރައްޔިތުންގެ މަޖިލީހުންނެވެ. ރައީސް އިބްރާހިމް ނާސިރުގެ ޝަރިއަތް ހިންގާ އެމަނިކުފާނުގެ ޢައިރު ހާޒިރުގައި 20 ޖެނުއަރީ 1986 ގައި ވަނީ 25 އަހަރަށް އަރުވާލުމަށް ހުކުމްކޮށްފައެވެ. ސިންގަޕޫރުގައި ދިރިއުޅުއްވަމުން ގެންދެވި ރައީސް ނާސިރަށް، ރައީސް މައުމޫނު ވަނީ ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބިލް ޖަލްސާގައި ( 26 ޖުލައި 1990 ) ގައި މައާފުދެއްވާފައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމް
ރާއްޖޭގެ ޖުމުހޫރީ ހަޔާތުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅަކީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމެވެ. ރައީސް މައުމޫނަށް ޖަލަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައެވެ. ރައީސް މައުމޫނު ހައްޔަރުކޮފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ފަހުއެވެ. އެމަނިކުފާނަށް ޖަލަށް ހުކުމް ކުރެވުނީ އަދުލު އިންސާފު ގާއިމުކުރެއްވުމަށް ހުރަސްއެޅުއްވި ކަމަށް ވިދާޅުވެއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ޖަލުގައި ދުވަސްތައް ހޭދަކުރައްވާފައެވެ. އަދި 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމަށް ފަހު އެމަނިކުފާނުގެ މައްޗަށް ޝަރިއަތް ކުރެވުނެވެ. ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އައީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ބުނެއެވެ.
ރައީސް އަބްދުﷲ ޔާމިން
ކުރީގެ ރައީސުނަށް ޖަލު ހުކުމް ކުރުމުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ބޮޅަކީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމެވެ. އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނީ މަނީ ލޯންޑްރިންގެ މައްސަލަ އެއްގައެވެ. މީގެ އިތުރުން ފަސް މިލިއަން ޑޮލަރު މީރާއަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
ދެން ކޮން ރައީސްއެއް؟
ކުރީގެ ރައީސުން ޖަލަށްލުމުގެ ސިލްސިލާ ތަކުރާރުވާނަމަ ދެން ޖަލަށް ވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ. އެހެނަސް އެއީ އަދި މާދުރުގައި އޮތް ކަމެކެވެ. ނަމޫނާ ވެރިކަމެއް ކުރައްވާ ހުރިހާ ރައީސުންނަށް މިސާލު ދެއްކުމުގެ ފުރުސަތުވެސް އެމަނިކުފާނަށް އެބައޮތެވެ. އެހެނަސް ބެލެވޭ ގޮތުގައި ކުރިން ހުރި ރައީސަކަށް ހުކުމެއް އައުމަކީ އަލަށް އަންނަ ރައީސުންނަށް ސިޔާސީ ލައްޒަތެއް ލިބޭކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް