ގިނަ އަހަރުތަކެއް ވަންދެން ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށް ފަހު ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ފިޓް ވާނެ ކަމަށް ބެލެވޭ ކަމަށް ޕީއެސްޖީގެ ކޯޗު މައިރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
މެސީގެ އަނިޔާ އާއި ގުޅިގެން ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނީ އެންމެ ފަހުން ޗެމްޕިއަން ލިލް އާއި ދެކޮޅަށް ލީގުގައި ޕީއެސްޖީ ކުޅުނު މެޗުގެ ފަހު ހާފުގައި މެސީ ބަދަލުކުރަން ޖެހުނީ މެސީގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ ހުކުރު ދުވަހު ލިލްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވެސް މެސީ އެހާ ފިޓް ނޫން ކަމަށާއި ނަމަވެސް އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ބެލެވުމުން ޑޮކްޓަރުގެ ލަފާގެ މަތިން މެސީ ކުޅެން އެރުވީ ކަމަށްވެސް އޭނާ ބުންޏެވެ.
ޕޮޗެޓީނޯ ބުނީ ލިލް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުހާފަށް މެސީ ބަދަލުކުރުން އެއީ އޭނާއަށް ނުކުޅެވިގެން ކުރި ބަދަލެއް ނޫން ކަމަށާއިި އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި ބަދަލެއް ކަމަށެވެ. އަދި މެސީގެ އަނިޔާ ނުކުޅެވޭ ވަރަށް ސީރިއަސް ނޫން ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.
އިތުރަށް ޕޮޗެޓީނޯ ބުނީ ޗެމްޕިއަންސް ލީގުގައި ކުރިޔަށް އޮތް އާރުބީ ލެއިޕްޒިގް މެޗަށް މެސީ ފިޓު ވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުންމީދު ކުރަނީ އެ މެޗުގައި މެސީ ފެނިގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް