ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަގާމުގައި ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުން ވަކިކޮށްފިއެވެ.
ޕޯޗުގަލް އަށް ނިސްބަތްވާ ނޫނޯ މަގާމުން ވަކިކުރި އިރު، އޭނާ ޓޮޓެންހަމްގެ ޗޯކުގެ މަގާމާއި ހަވާލުވީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ.
ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމްގެ ކޯޗުގެ މަގާމާއި ހަވާލުވި ނޫނޯ މަގާމުން ވަކިކުރިއިރު، އޭނާ ޓޮޓެންހަމްގެ ކޯޗުކަމުގައި ހޭދަކޮށްފައި ވަނީ އެންމެ ހަތަރު މަސްދުވަހެވެ. އޭނާ މަގާމުން ވަކި ކުރީ ފަހަކަށް އައިސް ޓޮޓެންހަމުން ހޯދަމުން ދާ ދައް ނަތީޖާތަކުގެ ސަބަބުންނެވެ.
ނޫނޯއާއެކު މި ސީޒަނުގެ ކުރީކޮޅު ޓޮޓެންހަމުން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް، މި ފަހަކަށް އައިސް އެ ޓީމުން ނެރެމުން ދަނީ ދައް ނަތީޖާތަކެކެވެ. އެގޮތުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މި ނަތީޖާއާއި އެކު ނޫނޯ މަގާމުން ވަކިކުރީ ޓޮޓެންހަމްގެ ބޯޑުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ. ކޯޗުގެ މަގާމުން ނޫނޯ ވަކިކުރުމަށްފަހު ޓޮޓެންހަމުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓީޗީ ބުނީ އެ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ނޫނޯއާއި އޭނާގެ ކޯޗިން ޓީމުން ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ރަނގަޅު ކާމިޔާބީއެއް ނުލިބުމުން ވިސްނުން ބަދަލުކުރަން ޖެހުނީ ކަމަށެވެ. އަދި ކޯޗުގެ މަގާމުން ނޫނޯ ވަކިކުރި ނަމަވެސް، އޭނާއަށް އަބަދުވެސް ޓޮޓެންހަމުން މަރުހަބާ ކިޔާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ނޫނޯ ވަކިކޮށް ޓޮޓެންހަމްގެ ކޯޗެއްގެ މަގާމަށް ދެން ގެނައުމަށް މަސައްކަތް ކުރަމުން ގެންދަނީ އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއެވެ. އެގޮތުން ޓޮޓެންހަމާ ގުޅެން ކޮންޓޭ މިހާރު އެއްބަސްވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. ކޮންޓޭ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ އިޓަލީގެ އިންޓަމިލާނަށެވެ. އޭނާ ވަނީ އިންޓަ މިލާނަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ މީގެ ކުރިން ޗެލްސީއަށް ވެސް ލީގު ހޯދައި ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް