ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް އިންޑިއާއިން ކަނޑައަޅާ އާ ސަފީރުގެ ގޮތުގަ ސަންޖޭ ސުދީރު ހަމަޖައްސައިފި އެވެ.
ސަންޖޭ އަކީ މިހާރު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރެވެ. އޭނާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވީ ފަހެއް މާޗް 2019 ގައި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނީ ސަންޖޭ އެ މަގާމަށް އައްޔަން ކުރީ މިއަދު ކަމަށެވެ. އަދި ވަރަށް އަވަހަށް މަގާމާއި ހަވާލުވުމަށް ޔޫއޭއީއަށް ވަޑައިގެންނަވާނެ ކަމަށް ބުނެފައިވެ އެވެ.
ސަންޖޭ އިންޑިއާގެ ފޮރިން ސާވިސްއާ ގުޅިވަޑައިގެންފަވަނީ 1993 ވަނަ އަހަރު އެވެ.
ރާއްޖޭގައި ހުންނަވަނިކޮށް މި ފަހުން ދައުރު ހަމަނުކޮށް ބަދަލު ކުރާ އިންޑިއާ ސަފީރަކީ ސަންޖޭ އެވެ. ބައެއް މީހުން ވަނީ އޭނާ އެހެން ގައުމަކަށް ބަދަލު ކުރަނީ އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ކުންފުނިތަކަކުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ.
އެކަމަކު އެ މިނިސްޓްރީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ސަންޖޭގެ ބަދަލު ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާ ސަފީރަކީ މުނޫ މަހާވަރެވެ. އޭނާ މިވަގުތު ހުންނެވީ އިންޑިއާއިން އޮމާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި އެވެ.
މުނޫ އިންޑިއާގެ ފޮރިން ސާވިސް އާއި ގުޅިވަޑައިގެންނެވީ 1996 ވަނަ އަހަރު އެވެ. އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނީ މުނޫ މަގާމާއި ހަވާލުވުމަށް ވަރަށް އަވަހަށް ރާއްޖެއަށް ވަޑައިގެންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް