ޔަމަނުގެ މަރިބް ސިޓީގެ ދީނީ ސްކޫލަކަށާއި މިސްކިތަކަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ.
ޔަމަނު ސަރުކާރާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހޫތީން އެ ދެތަނަށް ދިނީ ދެ މިސައިލް ހަމަލާ ކަމަށެވެ. މި ހާދިސާގައި 29 ީހުން މަރުވެ 29 މީހުން ޒަހަމްވެފައިވެ އެވެ.
އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
މި ހަމަލާގެ ޒިންމާ ހޫތީންގެ ބޮލުގައި އަޅުވާފައި ވީނަމަވެސް އެ ޖަމާއަތުން އަދި އެ ދެ ހަމަލާ ދިން ކަމަށް އެއްބަސްވެފައެއް ނުވެ އެވެ. އެކަމަކު މި ދުވަސްވަރު މަރިބްގައި ދެމުންދާ ހަމަލާތައް އިތުރުވެފައިވާއިރު އެފަދަ ހަމަލާއެއް ދޭނެ ހަމައެކަނި ބަޔަކީ ހޫތީން ކަމަށް އެ ގައުމުގެ ސަރުކާރުން ގަބޫލު ކުރެ އެވެ.
ސަރުކާރުގެ ކޮންޓްރޯލް އޮތް މަރިބް ސިޓީ ހިފަން ހޫތީންނާއި ސަރުކާރު ސިފައިންނާއި ދެމެދު ހަމަލާތައް ބަދަލު ކުރާތާ މިހާރު ފަސް ވަރަކަށް މަސްވެއްޖެ އެވެ. އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ޖަމާއަތުން ބުނީ މި ހަމަލާތަކުން ސަލާމަތް ވުމަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް 10،000 އަށްވުރެ ގިނަ މީހުން އެހެން ތަންތަނަށް ހިޖުރަ ކޮށްފައިވާ ކަމަށެވެ.
ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން އެގައުމުގެ ގިނަ ސަރަހައްދުތަކެއްގެ ރައްޔިތުންދަނީ ބަނޑަށް ޖެހެމުންނެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގެންފަވާ ޔަމަނު ސަރުކާރުގެ ކޮންޓްރޯލް ގެއްލި ހޫތީންގެ އަތް ދަށަށް ގޮސްފައިވާ ސިޓީތަކަށް ކާބޯތަކެތި އިމްޕޯޓު ކުރުން ސަރުކާރުން ދަނީ ކޮންޓްރޯލް ކުރަމުންނެވެ.
އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާއިން ބުނީ ޔަމަނުގައި 16 މިލިއަން މީހުން ބަނޑުހައިހޫނު ކަން ތަހައްމަލް ކުރަމުންދާ ކަމަށެވެ.
ޔަމަނުގައި ހަނގުރާމަ ފެށުނީ 2015 ވަނަ އަހަރު އެވެ. ހޫތީން ޔަމަނު ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދަނީ އީރާންގެ އެހީތެރިކަމާއި އެކު އެވެ. ޔަމަނު ސަރުކާރަށް އެހީތެރިވަމުންދަނީ ސައުދީ އިސްވެ އުފައްދާފައިވާ އަރަބި ކޯލިޝަނުންނެވެ.
ހޫތީން ބުނެފައިވަނީ އެމީހުން ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަނީ ކޮރަޮޕްޝަން ނައްތާލައި ބޭރުގެ ނުފޫޒުން ޔަމަނު ސަލާމަތް ކުރަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް