ޕްރިންސް ޒެޢިދު ރަޢަދު އަލް ޙުސައިންއާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުގެ ސްކޮޓްލެންޑުގެ ގްލަސްގޯގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26) ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، ...

01 Nov 2021 | 09:28

އިނގިރޭސިވިލާތުގެ ސްކޮޓްލެންޑުގެ ގްލަސްގޯގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26) ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، ހަމަޖެއްސެވި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކުރީގެ ހައިކޮމިޝަނަރ، ޕްރިންސް ޒެޢިދު ރަޢަދު އަލް ޙުސައިންއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އ.ދ.ގެ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ހައިސިއްޔަތުން ޕްރިންސް ޒެޢިދު ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އަދި ރާއްޖެއާއެކު އަލަށް ފެށްޓެވި މަސައްކަތް ވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްސަލައަކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމަކަށް ވަރަށް ނާޒުކު މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން ބަލާއިރު ކޮޕް26ގެ ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޒެޢިދު ވަނީ ރާއްޖޭގެ ވަފުދަށް އެއްބާރުލުމާއި އެހީތެރިކަންފޯރުކޮށްދިނުމަށް ރާއްޖޭގެ ވަފްދާ ގުޅިވަޑައިގެންނެވުމަށް އެމަނިކުފާނަށް ފުރުޞަތު ލިބިވަޑައިގެންނެވުން އެއީ ލިބުނު ފަޚުރެއްކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕްރިންސް ޒެޢިދު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ކާރިސާތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މީގެ އިތުރުން، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ކާރިސާތަކުން އަރައިގަތުމަށްޓަކައި، ވިލުންވެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ކުރަންޖޭ ކަންކަން ކުރުމަށް އިތުރު އެހީއަށް ބޭނުންވެފައިވާ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ނުލިބުން އެއީ ކުރިމަތިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވާފަ އެވެ. އަދި ދެ ބޭފުޅުން ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖޭގެ ވަފްދުގެ ބޭފުޅުންނަށް ލަފާއެރުވުމަށް ޕްރިންސް ޒެޢިދު ހުންނެވުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއްކަމަށާއި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޕްރިންސް ޒެޢިދުގެ ހުރި ތަޖުރިބާއާއެކު މި މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.

ޕްރިންސް ޒެޢިދު ރަޢަދު އަލް ޙުސައިނަކީ އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓް (އައިޕީއައި)ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ.

މީގެ ކުރިން ޕްރިންސް ޒެޢިދު ވަނީ އުރުދުންގެ ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު 2014 އިން 2018 އަށް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައި ކޮމިޝަނަރުގެ މަޤާމު ވެސް ފުރުއްވާފައެވެ. އަދި އ.ދ.އަށް އެ ޤައުމުން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ ހައިސިއްޔަތުން (2000-2007 އަދި 2010-2014) އަދި އެ ޤައުމުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން (2007-2010) އެމަނިކުފާނު މަސައްކަތް ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ޕްރިންސް ޒެޢިދު ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގައި މަސައްކަތް ކުރައްވައި، އ.ދ.ގެ ޕީސް ބިލްޑިންގ ކޮމިޝަންގެ ކޮންފިގަރޭޝަން ޗެއަރކަން ކުރައްވައި، އަދި ކުރީގެ ޔޫގޮސްލާވިއާގައި އ.ދ.ގެ ފަރާތުން ޞުލްޙަ ބަލަހައްޓަވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް