ކުދި ރަށްތަކުން މީހުން ބާލައިގެން އާބާދީ އެއްފަސް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން

ކުދި އާބާދީތައް ދިރި އުޅޭ ރަށްރަށުން މީހުން ބާލައިގެން އެއްފަސްކުރުމުގެ ގޮތުން ބޮޑު އާބާދީ އޮންނަ ރަށްތަކަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ޕްލޭނިންގް އެންޑް ހައުސިންގް މިނިސްޓަރު...

01 Nov 2021 | 08:47

ކުދި އާބާދީތައް ދިރި އުޅޭ ރަށްރަށުން މީހުން ބާލައިގެން އެއްފަސްކުރުމުގެ ގޮތުން ބޮޑު އާބާދީ އޮންނަ ރަށްތަކަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ޕްލޭނިންގް އެންޑް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިކަން ހާމަކޮށްފައި ވަނީ މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޖާބިރު މިނިސްޓަރާ ކުރެއްވި ސުވާލަކީ ކުދި އަދި 1000 މީހުން ހަމަ ނުވާ ރަށްތަކުން މީހުން ބޭލުމުގެ ވިސްނުން މި ސަރުކާރުން ނުގެންގުޅޭ ސަބަބަކީ ކޮބައިތޯއެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ވިސްނުންފުޅަކީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށްތަށް ގުޅުވާލުން ކަމަށެވެ. އެގޮތަށް ވެއްޖެނަމަ ވަކި ވަސީލަތެއް ނެތް ރަށަކުން އެ ވަސީލަތެއް ކައިރިން ލިބެން އޮތް ރަށަކުން ޙިދުމަތް ހޯދޭނެކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ޓްރާންސްޕޯޓްގެ ލިންކެއް އެޅުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކުދި އާބާދީ ރަށްތަކުން މީހުން ބާލައިގެން ބޮޑު އާބާދީތަކަށް އެއްފަސް ކުރުމަކީ މާ ކުރީގެ ވިސްނުމެއް ކަމުގައި މިނިސްޓަރު ފާހަގަ ކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުން ކުދި އާބާދީތަކަށްވެސް ފުޅާ އިޤްތިސާދެއް ބިނާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް