ޝިޔާމް ހުށަހެޅުއްވި ގަލޮޅު ސްކޫލް މައްސަލަ އެޖެންޑާ ނުކުރަން ނިންމައިފި

ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ އެޖެންޑާ ނުކުރަން ރިޔާސަތުން ނިންމައިފި އެވެ. ޝިޔާމް މި މައްސަ...

01 Nov 2021 | 08:08

ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ އެޖެންޑާ ނުކުރަން ރިޔާސަތުން ނިންމައިފި އެވެ.

ޝިޔާމް މި މައްސަލަ ހުށަހެޅުއްވީ މިމަހުގެ ތެރޭގައި ގަލޮޅު ސްކޫލްގައި ކިޔަވާ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އެތަނުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި މައްސަލައިގަ އެވެ. ޝިޔާމްގެ މައްސަލައިގަ ވަނީ ފިޔަވަޅު އެޅުން ލަސްވުމާއި ސްކޫލުން އެ މައްސަލައިގަ އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަކޮށްކަން ފާހަގަ ކުރައްވާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ އެޖެންޑާ ނުކުރަން ނިންމީ ގަލޮޅު ސްކޫލްގެ ޖިންސީ ގޯނާގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އަންނާތީ ކަމަށެވެ. އީވާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ އެއީ އެ ވަގުތަކު ކޮމިޓީއެއްގައި ބަލައި ދިރާސާ ކުރަމުންދާ މައްސަލައަކަށް ނުވާ ނަމަ ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަ އެޖެންޑާ ނުކުރި ނަމަވެސް ޝިޔާމް ހުށަހެޅުއްވި މައްސަލައާ އެކުގައި، އެ މައްސަލައިގެ އަސާސް ހިމެނޭ ގޮތަށް ގަލޮޅު ސްކޫލުގެ ކުއްޖާ އަށް ކުރި ކަމަށް ބުނާ ޖިންސީ ގޯނާގެެ މައްސަލަ ބަލަމުންދާނެ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އަންގާފައިވާ ކަމަށެވެ.

ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިންމާ ސްކޫލުން ފުރިހަމައަށް ނަގަން ޖެހޭ ވަގުތަކަށް ވިޔަސް، އެ ސްކޫލުގައި ދަރިވަރާ ހަވާލުވި ޓީޗަރަށް ވެސް ދަރިވަރު ހަވާލުކުރެވެނީ ކާކާކަން ވެސް ނޭގޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސްކޫލުން ކަން ހިނގާ ދިޔަ ގޮތް ބެލޭނެ ކެމެރާއެއް ވެސް ނެތި، މިކަމުގެ ޒިންމާ އިން ރެކެން މެނޭޖްމަންޓުން މަސައްކަތްކޮށްފައިވާ ކަމަށްވިދާޅުވެފައިވެ އެވެ.

މިފަދަ މުހިއްމު މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަވަހަށް ހެދޭނެ އިންތިޒާމު ހަމަޖެއްސުން މުހިއްމު ނަމަވެސް އެކަން ވެސް ކުރެވުނީ ލަހުން ކަން ވެސް ފާހަގަކޮށްފައިވެ އެވެ. ރިޕޯޓް ހެދުން ލަސްވުމަކީ އަނިޔާގެ މިންވަރު ދެނެގަތުމަށް އެޅޭ ހުރަހެއް ކަން ޝިޔާމް ފާހަގަ ކުރައްވާފައިވެ އެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގަ އެދިފައިވަނީ މި މައްސަލައިގެ ފުރިހަމެއް ތަހުގީގެއް ހިންގުމަށާއި، އެ ކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި، މިފަދަ ކަންކަން ތަކުރާރު ނުވާ ފަދަ ގޮތަކަށް ސްކޫލްތަކުގެ ނިޒާމު ހަރުދަނާކޮށް، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރަންށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް