އދ. ދަނގެތީގައި މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގަ ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)ގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މަހުމޫދު މަރާލާފަ އޮއްވަ ފެނުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު އެވެ. މި މައްސަލައިގަ ސާލިމް ހައްޔަރު ކުރީ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ.
އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުރި ސާލިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ރޭ ވަނީ އޭނާ ދަނގެއްޗަށް ގެންގޮސްފަ އެވެ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގައި ސިއްރުން ކުރިޔަށް ގެންދިޔަ މުއްދަތު މަޖިލީހުގައި ކޯޓުން ވަނީ ސާލިމްގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފަ އެވެ.
އަޑުއެހުން ސިއްރު ކުރީ ފުލުހުން އެދިގެންނެވެ.
މި މައްސަލައިގަ ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ ސާލިމްގެ ބަންދަށް ޖެހީވެސް 15 ދުވަހެވެ.
ފުލުހުންނަށް ސާލިމް ކިޔައިދީފަވާ ގޮތުގައި އޭނާ މަހުމުދު މަރާލީ އެގެއަށް ގެންގޮސް ފައިސާދޭން އިންކާރު ކުރުމުން ހިނގި ދެބަސްވުމުގެ ތެރެއިން ވަޅިންނާއި އެހެއް އެޗަކުން ހަމަލާދީއެވެ. އަދި މަރާލުމަށް ފަހު ގޯންޏަކަށް ލައި އެގޭ ފާރުމަތިން މަހުމޫދުގެ ހަށިގަނޑު ބޭރަށް ވައްޓާލުމަށް ފަހު ނަގައިގެން ގެންގޮސް ފަޅުގޭގެ ވަޅަށް ވައްޓާލީ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ވަނީ އެ ސަރަހައްދުން ލިބުނު ސީސީޓީވީ ފުޓޭޖުތައްވެސް ބަލާފަ އެވެ. އަދި މަހުމޫދުގެ ހަށިގަނޑު ފަޅުގެއަށް ގެންދަނީ ސާލިމް އެކަނިކަން އެ ފުޓޭޖުތަކުން ފެންނަ ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް