އަލަށް އުފަންވާ ކުދިންނަށް މަންމަގެ އައިޑީ ކާޑު ބޭނުން ކުރުމުގައި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދިން ލުއި އުވާލައިފި އެވެ.
އާސަންދައިން އާންމުކޮށް އަމަލު ކުރަމުންދާ އުސޫލު ދަށުން އުފަންވާތާ 28 ދުވަސް ވަންދެން އެ ކުއްޖަކަށް ސިއްހީ ހިދުމަތްތައް މަންމަގެ އައިޑީ ކާޑު ބޭނުން ކޮށްގެން ކުރެވެ އެވެ. އޭގެ ފަހުން ސިއްހީ ހިދުމަތް ހޯދަން ކުއްޖާގެ އައިޑީ ކާޑު ބޭނުންވެ އެވެ.
އެކަމަކު ކޯވިޑްގެ ހާލަތާއި ގުޅިގެން އެ އުސޫލަށް އަމަލު ކުރުން އާސަންދަ އިން އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފަންވި ކުދިންނަށް 28 ދުވަސް ފަހުންވެސް އައިޑީކާޑު ހެއްދެންދެން މަންމަ އައިޑީ ކާޑު ބޭނުން ކުރެވެ އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އުފަންވާ ކުދިންނަށް 28 ދުވަސް ފަހުން މަންމަގެ އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށެވެ. އޭގެ ފަހުން ސިއްހީ ފަރުވާ ހޯދުމަށް ކުއްޖާގެ އައިޑީކާޑު ބޭނުންވާނެ ކަމަށް މައުލޫމާތުދެ އެވެ.
އާސަންދައިން ބުނެފައިވަނީ ކޯވިޑާއި ގުޅިގެން އެ ލުއި ދިނީ ލޮކްޑައުންއާއި ކޯވިޑާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލު ކުރަމުން އައި އުސޫލުގެ ސަބަބުން އާންމުންނަށް ފަސޭހައިން އައިޑީކާޑު ހެއްދުމަށް ދަތިވާނެތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް