ކުޑަކުދިންނާއި ގުޅޭ ހަބަރާއި މައުލޫމާތު ފެތުރުމުގައި މީޑިއާތަކުން ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މިކަމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ފަހަކަށް އައިސް މި ކައުންސިލަށް އެންމެ ގިނައިން ޝަކުވާ ލިބެމުންދަނީ ކުޑަކުދިންނާ ގުޅުން ހުރި ޚަބަރާއި މައުލޫމާތުގެ ކޮންޓެންޓާ ގުޅިގެންނެވެ.
"ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި މި ކައުންސިލުން އެކުލަވާލައިފައިވާ، "ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު" އަދި ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިނާއި ޚިލާފަށް ކުޑަކުދިންނައި ގުޅުންހުރި އެކިއެކި ޚަބަރާއި މަޢުލޫމާތު މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކޮށްފައިވާކަން މި ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. މިއީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ އަދި ހިތާމަވެސް ކުރާކަމެކެވެ. " މީޑިއާ ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން، ކުޑަކުދިންގެ އައިޑެންޓިޓީ ހާމަވާނެހެން މައުލުމާތު ހިމެނުމާއި، ކުޑަކުއްޖާއަކީ ކޮން ކުއްޖެއްކަން ދެނެގަނެވޭނެހެން ފޮޓޯ ބޭނުންކުރުމާއި މި ނޫންވެސް ކުޑަކުދިންގެ އައިޑެންޓިޓީ ދެނެގަނެވޭނެ ޒާތީ އެހެން އެކި މައުލޫމާތު ޚަބަރުތަކުގައި ގެނައުމަކީ، ކުޑަކުދިންނަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށް އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިދާނެކަމެއްކަމުގައި އެ ކައުންސިލުން ދެކޭކަމަށާއި އެހެންކަމުން، ޚަބަރު ގެނެސްދިނުމުގައި ޤާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތްކުރުމަށާއި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރާކަމަށްވެސް އެ ކައުންސިުން ބުނެފައިވެއެވެެ.
މީޑިއާ ކައުންސިލުން އިތުރަށް ބުނެފައިވަނީ ޝާއިއުކުރާ މައުލޫމާތަކީ، އެއްވެސް ފަރުދެއްގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ މި ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާވެސް ޚިލާފުކަމަކަށްވާތީ، އެ ޚަބަރެއްގައި ޝާމިލުވާ ދެފަރާތުގެވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް ހަނދާންކޮށްދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް