އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނާގައޮ އޮތް ނަޮޕޮލީ އާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަ ކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ ރޯމާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މި މެޗުން އޭސީ މިލާން މޮޅުވެ ހޯދި ތިން ޕޮއިންޓާއި އެކު މިހާތަނަށް ކުޅުނު 11 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ. އެއްވަނާގައި އޮތް ނަޕޮލީއަށް ވެސް 11 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ނަމަވެސް ނަޕޮލީ އަށް ތާވަލުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. މިއީ އިބްރަހިމޮވިޗް، މިފަހަރުގެ ސީޒަނުގައި ކުޅުނު ފަސް މެޗުން ކާމިޔާބު ކުރި ތިންވަނަ ގޯލެވެ. އޭނާގެ ކުލަބް ކެރިއަރުގައި ކާމިޔާބު ކުރި 400 ވަނަ ގޯލެވެ.
މި ލަނޑަށް ފަހުވެސް މިލާނަށް ވަނީ ލަނޑު ޖަހަން އިތުރު ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިލާނުން މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެވެސް މިލާނުން ރަނގަޅު ކުޅުމެއް ދެއްކި އިރު، މެޗުގެ ފަހު ހާފު ފަށައިގެން 50 ވަނަ މިނެޓުގައި މިލާނުން އިތުރު ލަނޑެއް ޖެހިނަމަވެސް، އިބްރަހިމޮވިޗް ޖެހި މި ލަނޑު އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ. އިންބަހިމޮވިޗް ޖެހި މި ލަނޑު ބަލައިނުގަތް އިރު، މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފްރޭންކް ކެސިއޭ ވަނީ ލަނޑެއް ޖަހައި، މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން މިލާނުގެ އިބްރަހިމޮވިޗަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ފަހުން މި މެޗުގައި މިލާނަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ ތެއޯ ހެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު މިލާނުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ އިތުރު ވަގުތުގައި ރޯމާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ރޯމާއަށް ނަތީޖާގެ ފަދަގު ކުޑަކޮށްދިން މި ލަނޑު ކާމިޔާބުކޮށްދިނީ އެލް ޝަރާވީއެވެ.
މިލާނުން ހޯދި މި މޮޅާއި އެކު އެއްވަނައިގައި އޮތް ނާޕޮލީ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަވި އިރުު މީގެ ކޮންމެ ޓީމަކަށް ވެސް ވަނީ ކުޅުނު 11 މެޗުން 31 ޕޮއިންޓް ލިބިފައެވެ. ނާޕޮލީއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް