ރޭ ދަންވަރު ވައްކަން ކުރަމުން ދުވި "ސީރިއަލް ވަގަކު" އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި

ރޭގެ ދަންވަރުގެ ވަގުތެއްގައި ވައްކަން ކުރަމުން ދުވި މީހަކު ގެއެއްގެ ތެރޭން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފިއެވެ. މީޑިއަތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވާގޮތުގައި ރޭ ދަންވަރު މާފަ...

01 Nov 2019 | 07:10

ރޭގެ ދަންވަރުގެ ވަގުތެއްގައި ވައްކަން ކުރަމުން ދުވި މީހަކު ގެއެއްގެ ތެރޭން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

މީޑިއަތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވާގޮތުގައި ރޭ ދަންވަރު މާފަންނު ގެއަކުން ވައްކަން ކުރަން އުޅުނު މީހެއް ހިފަހައްޓައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫތަށް ބަލާއިރު އެ ވަގަކީ އެތައް ތަނަކުން ވައްކަންކޮށް، ވަގަށް ނަގަމުންދިޔަ ތަކެތި ރައްކާކޮށް އިތުރަށް ވައްކަން ކުރަމުންދިޔަ މީހެއްކަން އެނގެއެވެ.

އެގޮތުން އެ ވަގު އަތުލައިގަތް ގޭގެ ތިޖޫރިއެއް ވަގަށް ނަގާފައިވާއިރު، އެ ގެ ކައިރީ މިސްކިތެއްގެ ފާހާނާ ތެރޭގައި ބައެއް ތަކެތި ފޮރުވާފައިވާކަމަށާއި އަދި އެ ވަގު އަތުލައިގަތް ގޭގެ ފުރާޅުމަތީގައިވެސް ބައެއް ސާމާނު ރައްކާކޮށްފައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ފުލުހުން ވަނީ ހިފަހައްޓާފައިވާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މީހާ އާއި ސަރަހައްދު ބަލައިފާސްކޮށް، ވަގަށް ނަގާފައިވާ ތިޖޫރި (ތިޖޫރި ތެރޭގައި ހުރި އެއްޗެއް ހަމައަށް) އެއް ފުޅި ވަކިލާރި، ކަށިގަނޑާއި މަރުތެޔޮފަދަ ޓޫލްސް ތަކާއި ކުޑަ ލަކުޑި ފޮއްޓެއް، އެ ގޭ ކައިރީ ހުރި މިސްކިތެއްގެ ފާހާނާ ތެރެއިން ހޯދާފައި، މީގެ އިތުރުން އެއް ފުޅި ވަކިލާއި އެއް ކަރަންޓު ކީސް އެގޭ ފުރާޅުމަތިން ފުލުހުން ވަނީ ހޯދާފައި، އަދި ވައްކަން ކުރި މީހާގެ އަތުން ކުޑަ ވަޅިއެއްގެ އިތުރުން ބައެއް އިލެކްޓްރޯނިކްސް ސާމާނާއި ޓޫލްސް ހޯދާފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހިފެހެއްޓި ގޭގެ މީހުންގެ އަތް ފޮޅާލާފައި ފިލަން އުޅުނު އުޅުމުގައި އެ ގޭގެ ފާރުގައި ހަރުކޮށްފައިހުރި ބިއްލޫރި ފުޅިތޮޅިތަކަކުން އެ ވަގުކަލޭގެގެ އަތް ކަނޑައިގެން ގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް