ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެނޭ: ރައީސް ސާލިޙް

ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާ ކަމަށާއި ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް...

01 Oct 2020 | 06:10

ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާ ކަމަށާއި ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ފާޅުކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވީ ނިއުޔޯގްގައި ހުންނަ އ.ދ. ގެ މައި މަރިކަޒުގައި ވަރޗުއަލްކޮށް ބޭއްވެވި އ.ދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިޙް ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައި ވަނީ ވެސް އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން މެރިން ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް މި ސަބަބާ ހުރެ ކަމަށެވެ.

ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާ ރައީސް ވިދާޅުވީ ރާއްޖެއިން އަންނަނީ މި ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދަމުން ކަމަށެވެ. އަދި މި އެކްޕެޑިޝަންތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދްރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް