ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޔާމީން ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދިއްފުއްޓާއި ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ތުލުސްދޫގައި ޖަލްސާއެއް ވެސް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުކުރު ދުވަހު ރައީސް ޔާމީން ހުރާއަށާއި ހިންމަފުއްޓަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީ އަދި ކޯލިޝަން ޕާޓީ ޕީއެންސީ އަންނަނީ ރާއްޖޭގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން މިދިޔަ މަސް ތެރޭގައިވެސް އެމަނިކުފާނު ވަނީ ތިން އަތޮޅަކަށް ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް