ޓެރަރިޒަމް ގާނޫނު ބޭނުންކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތް ހަނދުމަފުޅު އެބަހުރިތޯ ވިދާޅުވެ، އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރައްވައިފިއެވެ.
ޓެރަރިޒަމްގެ ގާނޫނު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު ހޯމް މިނިސްޓަރު އިމްރާން ވަނީ މި ސަރުކާރުން އެ ގާނޫނުގެ ނާޖާއިޒު ބޭނުން ނުކުރާނެ ކަމަށް މިއަދު ވިދާޅުވެފައެވެ.
ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ނިމި ދެން އަންނަ ސަރުކާރަކުން މި ގާނޫނުގެ ނާޖާއިޒު ބޭނުން ނުހިފާނެ ކަމުގެ ކިހާވަރެއްގެ ގެރެންޓީއެއް އޮތްތޯ އިމްރާން ކައިރިން ސުވާލު ކުރައްވާފައެވެ.އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރު އިމްރާނާއި ދޭތެރޭ ކަންކަން ކުރެއްވި ގޮތް ހަނދާން އެބަހުރިތޯ ވިދާޅުވެފައެވެ.
https://twitter.com/dr_iyaz/status/1178577653806223361?s=20
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް) ހުށަހެޅުއްވި މި ބިލިގައި، ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާއްމުންނަށް ނުވަތަ އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ.
ޓެރަރިޒަމް މާނަ ކުރުން ކަމަށް ބެލެވޭނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުމުގެ އިތުރުން މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން ފަދަ ކުށެއް ކުރި ކަމަށްވާނަމަ އެވެ.
ހަނގުރާމަ ކުރުމަށް ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދާން އުޅުމާއި ދިއުމާއި ހަނގުރާމައަށް މީހުން ފޮނުވުމަކީ ވެސް ކުށެކެވެ. އަދި ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށް ބިލުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް