ސަރުކާރު ކުންފުނިތައް ގިނަ، ބައެއް ކުންފުނިތައް އުވާލަން ޖެހިދާނެ: އަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ބައެއް ކުންފުނިތައް އުވާލަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވިއި...

01 Oct 2019 | 05:25

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ބައެއް ކުންފުނިތައް އުވާލަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވިއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަކޮށް އެކުލަވާލާފައިވާ ކޯޕަރޭޓް ގަވަނެންސް ކޯޑެއްވެސް ވަނީ އެކުލަވާލާފައެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ކޯޕަރޭޓް ގަވަނެންސް ކޯޑުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ވަކި އުސޫލުތަކާއި ހަމަތަކެއްގެ ތެރޭގައި ހިފެހެއްޓޭނެ އެވެ. މި ކޯޑަކީ ދުނިޔޭގެ ތަޖުރިބާކާރުންގެ އަމަލީ އެހީއާ އެކު އެކަލަވާލާފައިވާ ކޯޑެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި ފިނޭންސް މިނިސްޓްރީން އިންތިޒާމްކޮށްގެން ވަނީ "ސްޓްރެންތެނިން އޮފް ކޯޕަރޭޓް ގަވަނަންސް"ގެ ނަމުގައި ކުންފުނިތަކަށް އަމާޒުކޮށްގެން ވަކި ހާއްސަ މަހާސިންތާއެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ މަހާސިންތާ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަގުސަދުގައި މުޅިން އަލަށް ބޭއްވި މަހާސިންތާ އެކެވެ.

ސަރުކާރުން ކުންފުނިތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ރޭ ރާއްޖޭ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ 2016ވަނަ އަހަރު އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އުފެއްދި ހަޒާނާ މޯލްޑިވްސް ކުންފުނީގެ ނަން ފާހަގަކުރައްވާ އެ ކުންފުނި އުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އޭގެއިތުރުންވެސް ބައެއް އެހެން ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު މިހާރުވެސް ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް