މިއީ އަނެއްކާޥެސް ރޮހިންގާ މުސްލިމެއްގެ ވާހަކަ އެވެ. މިޔަންމާއިން އެގައުމުގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުން އެ މުސްލިމުން ވަނީ ސަލާމަތްކަން ހޯދުމަށް ބަންގްލަދޭޝް އަށް ގޮސްފަ އެވެ. އުމުރުން 18 އަހަރުގެ އާރިތާ ބޭގަމް އަކީވެސް ރޮހިންގާ މުސްލިމެކެވެ. އަތުގައި އޮތް ކުޑަ ކުޑަ، އުމުރުން 18 މަހުގެ ތަސްލީމާ ބޭގަމްގެ ބޯ އެވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އާރިތާ ބިރުގަންނަނީ އޭނާގެ ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވިދާނެތީ އެވެ.
އާރިތާ ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ ބޯ ފިހެން މެދުވެރިވީ އެމީހުން ދިރިއުޅެމުންދިޔަ ގޭގެ ބޭރުން އަތު ބޮމެއް ގޮއްވާލުމުންނެވެ. އެ ހާދިސާއިން ދަރިއާއެކު ސަލާމަތްވެ ބަންގްލަދޭޝް އާއި ހަމައަށް ވާސިލު ވުމަށް އަށް ދުވަސް ހޭދަވި ކަމަށް އަރީތާ ކިޔާދީފައި ވެ އެވެ.
އަރީތާ ބުނެފައިވަނީ ބަންގްލަދޭޝް އާއި މިޔަންމާއާއި ދެމެދުގައި އޮންނަ ނަފް ކޯރު ހުރަސްކުރީ ފުރި ބާރުވެފައިވާ ދޯންޏެއްގައި ކަމަށާއި ސަލާމަތުން ބަންގްލަދޭޝް އަށް އާދެވުނަސް، ދަރި އަބަދު ރޯތީ އިންތިހާއަށް ދެރަ ވާކަމަށެވެ. އަދި ރެފިއުޖީއެއްގެ ގޮތުގައި ކާނެ ބޯނެ އެއްޗެއް ނެތި އުޅޭއިރު ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތުމުން އިންތިހާއަށް ހިތާމަކުރާކަމަށް އަރީތާ ބުނެފައި ވެ އެވެ.
އަރީތާ އެކޭ އެއްގޮތަށް މިހާރު ބަންގްލަދޭޝްގައި ރެފިއުޖީންގެ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ ހަތް ލައްކައަށްވުރެ ގިނަ މުސްލިމުން އެބަތިއްބެވެ. އެއީ އޮގަސްޓް 25 ގެ ކުރިން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ދެ ލައްކައަށްވުރެ ގިނަ މުސްލިމުންނާއި އޮގަސްޓް 25 ގެ ފަހުން ބަންގްލަދޭޝް އަށް ހިޖުރަ ކުރި ފަސް ލައްކައަށްވުރެ ގިނަ މުސްލިމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް