ޗ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަށް އެދިއްޖެ އެވެ.
ސަރުކާރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވައި ޑޮލަރުގެ މައްސަލަ ހައްލަކަށް އެޅުވުމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފައި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދޭ ކަމަށެވެ.
މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރެވޭ ގޮތަށް ވަނީ ހަދާފައި އެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން ފުލުހުން އަރުވާފައިވެ އެވެ. އަދި މިގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމުގައި ދަންނަވަމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް