އިޒްރޭލު މަންހަޖަށް ކިޔަވައިދޭން މަޖުބޫރު ކުރުމުން ގުދުސްގެ ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލައިފި

އިސްތިއުމާރީ އިޒަރޭލުން އިރުމަތީ ޤުދުސްގެ ފަލަސްޠީނީ ސްކޫލްތަކުގައި އިސްރާއީލުގެ މަންހަޖު ގަދަކަމުން ތަންފީޒުކޮށް ހުޅަނގު އައްސޭރިފަށުގެ މުދައްރިސުންނަށް ދީފައިވާ ހުއްދަ ހިފެހެއްޓުމާ ގުޅިގެން ޕްރައިވެ...

01 Sep 2026 | 17:57
ގުދުސްގެ ހުރިހާ ސްކޫލެއްގެ ޓީޗަރުން ވަނީ ހަޅުލާތުގައި ބައިވެރިވެ، ސްކޫލްތަކުގައި ކިޔަވައި ނުދޭން ނިންމާފައި --

ގުދުސްގެ ހުރިހާ ސްކޫލެއްގެ ޓީޗަރުން ވަނީ ހަޅުލާތުގައި ބައިވެރިވެ، ސްކޫލްތަކުގައި ކިޔަވައި ނުދޭން ނިންމާފައި --

އިސްތިއުމާރީ އިޒަރޭލުން އިރުމަތީ ޤުދުސްގެ ފަލަސްޠީނީ ސްކޫލްތަކުގައި އިސްރާއީލުގެ މަންހަޖު ގަދަކަމުން ތަންފީޒުކޮށް ހުޅަނގު އައްސޭރިފަށުގެ މުދައްރިސުންނަށް ދީފައިވާ ހުއްދަ ހިފެހެއްޓުމާ ގުޅިގެން ޕްރައިވެޓް އަދި ކްރިސްޓިއަން ސްކޫލްތަކުގެ މުދައްރިސުން މުއްދަތެއް ނެތް ގޮތަށް ކިޔަވައިދިނުން ހުއްޓައިލައިފިއެވެ.

މި ދިރާސީ އަހަރު ފެށެންވީއިރު އިރުމަތީ ޤުދުސްގެ ފަލަސްޠީނީ އާބާދީ ބޮޑު މުނިސިޕަލް ސްކޫލްތަކުގެ ގްރޭޑް އެކެއް އަދި ގްރޭޑް ހަތެއްގެ ހުރިހާ ދަރިވަރުންނަށް ހަމައެކަނި އިޒްރޭލުގެ މަންހަޖު ބޭނުންކުރުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އެ ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން އިސްތިއުމާރު ކޮށްފައިވާ އިރުމަތީ ޤުދުސްގެ ފަލަސްޠީނީ ދަރިވަރުންގެ ތިންބައިކުޅަ އެއްބައި ކަމަށްވާ 45,000 އަށްވުރެ ގިނަ ދަރިވަރުން އިޒްރޭލުގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ވަންނާނެއެވެ.

މީގެ ހަ އަހަރު ކުރީގެ ޢަދަދާ އަޅާ ބަލާއިރު މިއީ ގާތްގަނޑަކަށް ހަތަރު ގުނައިގެ އިތުރުވުމެކެވެ. ރިޕޯޓުތައް ބުނާގޮތުގައި ހުޅަނގު އައްސޭރިފަށުގެ މުދައްރިސުން ޤުދުސަށް ވަނުމަށް ބޭނުންވާ ހުއްދަތައްވެސް އިޒްރޭލުން ވަނީ ހިފަހައްޓައިފައެވެ.

ޤުދުސް ގަވާނޮރޭޓުގެ ތަރުޖަމާނު މައުރޫފް އައް-ރިފާޢީ މިކަން ސިފަކޮށްފައިވަނީ ސަގާފީ އަދި ތަޢުލީމީ ޖަރީމާއެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ޤުދުސްގެ ރައްޔިތުންނާއި މުދައްރިސުންނާއި ދަރިވަރުން ފަލަސްޠީނީ މަންހަޖަށް ތަބާވުމަކީ ހަމައެކަނި ފޮތަކަށް ތަބާވުން ނޫން ކަމަށާއި އެއީ ހަނދާނާއި ޝަޚުޞިއްޔަތާއި ތާރީޚު ކަނޑައެޅުމުގެ ޙައްޤު ދިފާޢުކުރުން ކަމަށެވެ.

ޤުދުސްގައި ކްރިސްޓިއަން ތަޢުލީމީ މުއައްސަސާތައް ތަމްސީލުކުރާ ޖެނެރަލް ސެކްރެޓޭރިއެޓުން ވަނީ މުއްދަތެއް ނެތް ގޮތަށް ކިޔަވައިދިނުން ހުއްޓައިލާފައެވެ. އެ ޖަމާޢަތުން ބުނީ 70 އަށްވުރެ ގިނަ މުދައްރިސުންނާއި މުވައްޒަފުންނަށް ދީފައިވާ ހުއްދަ ކުރީން ނޯޓިހެއް ނުދީ ކުއްލި ގޮތަކަށް އާ ނުކުރަން އިޒްރޭލުން ނިންމީ ކަމަށެވެ.

ދިރާސީ އަހަރު ފެށެން ދިހަ ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް މި ނިންމުން ނިންމުމުން ކިޔެވުން ފެށެން ވީއިރު ސްކޫލްތައް ތައްޔާރަށް ނެތް ކަމަށް ކޮލެޖް ޑެ ފްރެއާ ޖެރޫޒަލެމްގެ ތަޢުލީމީ އަދި އިދާރީ ކަންކަމާ ބެހޭ ޑެޕިއުޓީ ޑައިރެކްޓަރު ސިލްވިއާ ޢާމިރު ބުންޏެވެ.

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުން (ކްނެސެޓުން) މި އަހަރުގެ ކުރީކޮޅު ފާސްކުރި ޤާނޫނަކީ މި މައްސަލަ އިތުރަށް ގޯސްކުރި ކަމެކެވެ. އެ ޤާނޫނުގައި ވާ ގޮތުން ފަލަސްޠީނީ އޮތޯރިޓީގެ ތަޢުލީމީ މުއައްސަސާތަކުން ދީފައިވާ ޑިގްރީ ހޯދާފައިވާ މީހުންނަށް އިޒްރޭލުގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ކިޔަވައިދިނުން މަނާވާނެއެވެ. ރިޕޯޓުތައް ބުނަގޮތުގައި އިރުމަތީ ޤުދުސްގައި ތިބި 6,700 ޢަރަބި މުދައްރިސުންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުންގެ އަތުގައި ވަނީ ފަލަސްތީނުގެ ޑިގްރީއެވެ.

ހަމާސްގެ އޮފިޝަލް ހާރޫން ނާޞިރު އައް-ދީން ބުނީ ސްކޫލާއި ފޮތާއި ހޭލުންތެރިކަމަކީ ޤުދުސްގެ ހަނގުރާމައިގެ އަސާސީ ތަނބުތައް ކަމަށެވެ. ހަމައެހެންމެ "ޤުދުސްގެ ފަލަސްޠީނީ ޝަޚުޞިއްޔަތަކީ މަޖުބޫރުކޮށްގެން ކިޔަވައިދޭ މަންހަޖަކުން ނުވަތަ އިސްތިއުމާރުގެ ބޮޑާ ސިޔާސަތުތަކުން ފޮހެލެވޭ ވަރަށްވުރެ މާ ފުންކޮށް ބިންވަޅު ނެގިފައިވާ އެއްޗެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް