ރައީސް ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ރައީސް އޮފީހުން ޢާންމުކުރި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ ބިން ނެގުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސް އެޅުމުގެ ސަބަބުން ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި ބިލަށް ސަރުކާރުން ތާއީދުކުރީ އެ ހުރަސްތަކަށް ޙައްލެއް ލިބޭތީ ކަމަށް ވެސް ވިދާޅުވިއެވެ.
"ހަގީގަތުގައި ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް. އެެހެން ނަމަވެސް ހުރަސްއަޅާ ކަމަށް ވަންޏާ އެތައް މަހެއް ޑިލޭ ވަމުން ދަނީ. އެހެން ވެއްޖިއްޔާ އެ ނޫން ގޮތެއް ނެތިއްޖެެއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެން ނަމަވެސް މަޝްރޫއު ހިންގަން" ރައީސް ވިދާޅުވިއެވެ.
ޤާނޫނަށް ގެނައި ބަދަލާ ގުޅޭ ގޮތުން ރައީސް ފާހަގަކުރެއްވި ގޮތުގައި ބިން ވަކިކުރެވެނީ ހަމައެކަނި ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް ކަމަށާއި ބިން ނެގުމުގެ ކުރިން ކައުންސިލާ މަޝްވަރާކުރުމާއި މަޝްރޫޢުގެ މަޢުލޫމާތު ޢާންމުކުރުން ލާޒިމުކުރެއެވެ. އޭގެ އިތުރުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކަށީގެންވާ ބަދަލެއް ލިބޭ ގޮތް ވެސް މި އިސްލާހުން ހަމަޖައްސައިދީފައިވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހެޅި 19 ވަނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރެކެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ހުށަހެޅުއްވި މި ބިލް ތަސްދީޤުކުރެއްވުމާ އެކު އެ ޤާނޫނަށް ޢަމަލުކުރަން މިހާރު ވަނީ ފެށިފައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ހުރި މުދަލާއި ވަސީލަތްތައް ވެސް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް