ނޭޕާލްގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ ޢަދަދު 1000 އިން މައްޗަށް އަރައިފި

ޗައިނާގެ ޓިބެޓުގެ ބޯޑަރާ ގުޅޭ ސަރަޙައްދުގައި ކުރިމަތިވި ބިރުވެރި ފެންބޮޑުވުމުގައި ނޭޕާލުން މަރުވި މީހުންގެ ޢަދަދު 1000 އަށް ވުރެ މައްޗަށް އަރައިފި އެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ހެނދުނު ގަނޑުފެނުގެ...

01 Sep 2026 | 08:54
ނޭޕާލްގައި ހާލުގައި ޖެހިފައިވާ ބަޔަކު --

ނޭޕާލްގައި ހާލުގައި ޖެހިފައިވާ ބަޔަކު --

ޗައިނާގެ ޓިބެޓުގެ ބޯޑަރާ ގުޅޭ ސަރަޙައްދުގައި ކުރިމަތިވި ބިރުވެރި ފެންބޮޑުވުމުގައި ނޭޕާލުން މަރުވި މީހުންގެ ޢަދަދު 1000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ހެނދުނު ގަނޑުފެނުގެ ފަރުބަދައެއްގެ ބައެއް ކޯރެއްގެ ތެރެއަށް ވެއްޓި ކޯރު ފުރިގެން އަވަށޫތެރެއަށް ފެނާއި އެކު ހިލަޔާއި ކިސަޑާއި އެކު ފޭބުމުގެ ސަބަބުން މުޅި އެ ސަރަހައްދު ވަނީ ވަޅުލެވިފައި އެވެ.

ކިސަޑުން ފުރިފައިވާ ބިމުއަޑީގެ ޓަނެލްތަކުގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދާ މީހުންގެ ޖުމްލަ ޢަދަދު 3900 އަށް ވުރެ ގިނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން 600 އަށް ވުރެ ގިނަ މީހުންނަކީ ތުރިޝޫލީ ކޯރުގެ އައްސޭރީގައި ހުރި ހައިޑްރޯ ޕަވާ މަޝްރޫޢުތަކުގެ ކިސަޑު ފުރިފައިވާ ޓަނެލް ވިއުގައެއްގެ ތެރޭގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ މަސައްކަތްތެރީންނެވެ. އިންޖިނޭރުން ދަނީ އެ ޓަނެލްތަކަށް ވައި ފޮނުވައިދެމުންނެވެ. ހޯމަ ދުވަހު އެއް ޓަނެލެއްގެ ތެރެއަށް ޓީމަކަށް ވަދެވުނު ނަމަވެސް ތެރެއިން އެކަކު ވެސް ނުފެނުމުން އެ ޓީމު ވަނީ ފަހަތަށް ޖެހިފައެވެ.

ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރާ ޝާހް ހޯމަ ދުވަހު ބުނީ އެ ސައިޓުތަކުން 279 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ލީޑުކުރަމުން ދަނީ ޗައިނާ އާއި ނޭޕާލުގެ ސިފައިން ގުޅިގެން އެކުލަވައިލި ބައިނަލްއަޤުވާމީ ޓީމެކެވެ. އޭގެ އިތުރުން އިންޑިއާ ކޮރެއާ އަދި އޮސްޓްރޭލިއާގެ ތަޖުރިބާކާރުން ވެސް ދަނީ މި މަސައްކަތުގައި ބައިވެރިވަމުންނެވެ.

ޓަނެލްތެރޭގައި ގެއްލިފައިވާ 33 އަހަރުގެ އިންޖިނޭރު އައުރޫސް ބަންޑާރީގެ އަންހެނުން އަނުޝީލާ ބަންޑާރީ ބީބީސީ ނެޕާލީ އަށް ބުނީ: "އޭނާ ފެންނާނެ ނަމައޭ ހިތަށް އަރައެވެ. އޭނާ ގެއަށް އަންނާނެ ނަމައޭ ހިތަށް އަރައެވެ." ފެންބޮޑުވީ ވަގުތު ޕްލާންޓެއްގައި މަސައްކަތްކުރި ފިރިއެއްގެ އަންހެނުން ސީތާ ޕަންޑޭ ކާންތިޕރު ނޫހަށް ބުނީ: "އެތެރޭގައި އޮކްސިޖަން ސިސްޓަމެއް ހުރީމާ 50 ޕަސެންޓް އުންމީދު އެބައޮތެވެ." ނަމަވެސް ޓަނެލްތެރޭގައި ތާށިވެފައިވާ ޢާއިލާ މީހެއް ކަމަށްވާ ޖީބަން ކަޑްކާ ކާންތިޕރަށް ބުނީ: "ލަސްވާ ވަރަކަށް އުންމީދު ފަނޑުވަމުންދެއެވެ. ކޮންމެ ސިކުންތެއް ވެސް އަހަރެމެންނަށް މުހިންމެވެ. މި އޮޕަރޭޝަން މާ ބޮޑަށް ވެސް ލަހީ."

ސަލާމަތީ މަސައްކަތް "ވަރުގަދަކޮށްފައިވާ" ކަމަށާއި މި ފެންބޮޑުވުމަކީ "ޢާދައިގެ ކާރިސާއެއް ނޫން" ކަމަށް ނޭޕާލުގެ ބޮޑުވަޒީރު ބުންޏެވެ. ހޯމަ ދުވަހު ފޭސްބުކްގައި ޝާއިޢުކުރި ޕޯސްޓެއްގައި ބޮޑުވަޒީރު ބުނީ: "ހިމާލަޔާ ސަރަޙައްދުގައި ކުރިމަތިވާ ނުރައްކާތައް މޫސުމީ ބަދަލާ އެކު އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ މައްސަލަ ބައިނަލްއަޤުވާމީ ދުނިޔެއާ ހަރުދަނާ ގޮތެއްގައި ނެގުމުގެ ވަގުތު އައިސްފައިވާ ކަމަށެވެ."

ރިމޯޓުކޮށް ބިމުއަޑީ ހޯދުމުގެ މަސައްކަތުގައި ނޭޕާލު ސަރުކާރަށް އެހީ ފޯރުކޮށްދެމުންދާ އޮސްޓްރޭލިއާގެ އިންޖިނޭރު އިންޓަނެޝަނަލް ޓަނެލިން އެސޯސިއޭޝަންގެ ކުރީގެ ވެރިޔާ އާނޯލްޑް ޑިކްސް ބީބީސީއަށް ބުނީ ޓަނެލްތައް ހޯދުން ކުރިމަތިކުރުވީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. "ޓަނެލްތަކުގެ ނިޝާންތައް ގެއްލިފައި ހުރިހާ ތަނެއް ހީވަނީ ހަނދުގެ ބިންމަތީ ހެންނެވެ. ގެ އެއް ވަރުގެ ހިލަ ގާތައް ފެނެއެވެ. މިފަދަ މަންޒަރެއް ދުވަހަކު ވެސް ނުދެކެމެވެ." ކަމަށް ޑިކްސް ބުންޏެވެ. ބިމުއަޑީގެ މާހައުލުން ބައެއް ހިމާޔަތެއް ލިބިފައި ހުރެދާނެތީ ތާށިވެފައި ތިބި މީހުން ސަލާމަތްވުމުގެ ކޮންމެ ވެސް ވަރެއްގެ އުންމީދެއް އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ފެންބޮޑުވުމުގައި މިހާތަނަށް ފެނުނު ގާތްގަނޑަކަށް 900 ހަށިގަނޑުގެ ތެރެއިން ޝިނާޚަތު ކުރެވިފައިވަނީ އެންމެ ހަތަރު ޕަސެންޓް ކަމަށް ނޭޕާލުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނަކު ބީބީސީ ނެޕާލީ އަށް ބުންޏެވެ. ފެންބޮޑުވި ސަރަޙައްދާ ދުރުގައި އޮންނަ ޗިޓްވަންގައި ހިމާލަޔާގެ ކޯރު ނިޒާމުން ގާތްގަނޑަކަށް 300 ހަށިގަނޑު އައްސޭރިއަށް ބީހުމާ ގުޅިގެން ވަގުތީ ގޮތުން ހަށިގަނޑުތައް ވަޅުލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޑީއެންއޭ ނެގުމުގެ މަސައްކަތުގައި ސިއްހީ ޚިދުމަތްތެރީންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެއެވެ. ޗީފް ޑިސްޓްރިކްޓް އޮފިސަރު ގަނޭޝް އާރިޔާލް ބީބީސީ ނެޕާލީ އަށް ބުނީ: "މިތާ އެކަށީގެންވާ ވަރަށް ފްރީޒަރެއް ނެތެވެ. ވަގުތީ ގޮތުން ވަޅުލުމުގެ ނިޒާމެއް ޚިޔާރުކުރަން ޖެހުނީ އެހެންވެއެވެ."

ޓިބެޓުގެ ފަރާތުން ބަލާއިރު ރަސްމީ މަރުގެ ޢަދަދެއް ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ރިޕޯޓުކުރީ 16 ކަމަށެވެ. ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވަނީ 546 މީހެކެވެ. ފެންބޮޑުވުމުގެ ވީޑިއޯތައް ޗައިނާގައި ވަނީ ބޮޑެތި ސެންސަރުތަކެއް ކޮށްފައެވެ. އަދި ކެޝުއަލްޓީ ޢަދަދު ރަސްމީ ޢަދަދަށް ވުރެ ބޮޑު ކަމަށް ސޯޝަލް މީޑިއާގައި ލަފާކުރި މީހުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ވަނީ އިދާރީ ފިޔަވަޅު އަޅައިފައެވެ. ހަމައެއާ އެކު ނޭޕާލުގައި ވެސް ފެންބޮޑުވުމާ ގުޅޭ ދޮގު މަޢުލޫމާތު ކަމަށް ބެލެވޭ އޮންލައިން ކޮންޓެންޓް ނެގުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންގައިފައެވެ.

ނޭޕާލަކީ ހައިޑްރޯ ޕަވާއަށް ބޮޑަށް ބަރޯސާވެފައި ފަރުބަދަމަތީ ކޯރުތަކުގައި އެ ފަދަ ބައިވަރު މަޝްރޫޢު ހިންގަމުންދާ ޤައުމެކެވެ. މި ފެންބޮޑުވުމުގައި ނިމިފައިވާ ނުވަތަ ހެދެމުންދާ މަދުވެގެން 11 ޕްރޮޖެކްޓަކަށް ގެއްލުން ލިބިފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް