ޕީއެންސީގެ އިސްވެރިންތަކެއް -- ފޮޓޯ: ސޯޝަލް މީޑިއާ
ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގައި އިންތިޚާބުކުރާ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ޕީއެންސީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ން 18 އަށެވެ.
އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޙަލީލް ވިދާޅުވީ އެ މަގާމުތަކަށް ކުރިމަތިލެވޭނީ މިއަދުން ފެށިގެން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. މަގާމުތަކަށް ކުރިމަތިލުމުގެ މަރުޙަލާ ކުރިއަށް ގެންދާނީ ޑިޖިޓަލް ޕޯޓަލެއް މެދުވެރިކޮށް ކަމަށާއި ދާއިރާތަކަށް ޚާއްޞަ ނަންބަރުތައް ހިމެނޭ ކޯލް ސެންޓަރެއް ޤާއިމުކޮށް މަޢުލޫމާތު ސާފުކުރުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ކުރިމަތިލުމަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި ހަ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހުގެ 18 ގޮނޑި ހިމެނެ އެވެ. އޭގެ އިތުރުން ޒުވާނުންގެ ގޮތުގައި ހަތް މެންބަރަކާއި އަންހެނުންގެ ޚާއްޞަ ގޮނޑިތަކަށް 10 މެންބަރަކު ހޮވާނެއެވެ.
އަންހެނުންގެ ހަރަކާތުގެ ރައީސާ ނައިބު ރައީސާ ސެކްރެޓަރީ އަދި ޙަޒާންދާރުގެ ހަތަރު މަގާމަށާއި ޒުވާނުންގެ ހަރަކާތުގެ ހަތަރު މަގާމަށް ވެސް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީ ވެރިކަމުގައި އޮންނަ ދުވަސްވަރެއްގައި ޤައުމުގެ ނައިބު ރައީސް އޮޓޮމެޓިކުން ޕާޓީގެ ނައިބު ރައީސަކަށް ވާނެއެވެ. ހަމައެހެންމެ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަށް ވެސް އެ މަގާމު އޮޓޮމެޓިކުން ލިބެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ކޮންގްރެސް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ކޮންގްރެސްއަށް ކަމަށް ވިދާޅުވެފައެވެ.
ޕީއެންސީން ކޮންގްރެސްއާއި ދިމާކޮށް ކުރިޔަށް ގެންދިޔަ މެމްބަރުން އިތުރު ކުރުމުގެ ކެމްޕެއިންގެ ތެރެއިން ޕާޓީގެ މެމްބަރުންގެ އަދަދު 76 ހާހަށް އަރާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް