ކުޑަކުއްޖާ އެކްސިޑެންޓުވި ސަރަހައްދު -- ދުވަސް ފޮޓޯ
ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ޓަވަރުތައް ކައިރީ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދިޔަ ކުއްޖާ ނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:00 ހާއިރު އެވެ. ނިޔާވީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ.
އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗު ހޮސްޕިޓަލް އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި އެވެ.
ދަރިފުޅު ނިޔާވިކަން އެ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައި އެވެ.
މި އެކްސިޑެންޓު ހިނގީ ވިނަރެސް 7 ކައިރީގައި އޮތް ކާރަކަށް އަރަން މަގު ހުރަސްކުރި މީހެއްގެ ގައިގަ އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. ނިޔާވި ކުއްޖާ އިނީ ސައިކަލުގެ ފަހަތުގައި އެވެ.
އެ ކުއްޖާ އާއި އެކު ސައިކަލުގައި ދުއްވަން އިނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އެއީ ކުއްޖާގެ ބޮޑުދައިތަ އެވެ. އޭނާއަށް ލިބިފައިވަނީ ކުދި އަނިޔާތަކެކެވެ.
މިހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު ކުއްޖާ ވެއްޓުނު ގޮތް ދަނީ ބަލަމުންނެވެ. މިހާތަނަށް ފުލުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް