މެރިން ރިސާޗް ސެންޓަރުގެ ނަން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ބަދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މެރިން ރިސާޗް ސެންޓަރުގެ ނަން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ބަދަލުކުރައްވައިފިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ...

01 Sep 2019 | 12:13

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މެރިން ރިސާޗް ސެންޓަރުގެ ނަން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ބަދަލުކުރައްވައިފިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ދަށުން ހިނގަމުންދާ "މެރީން ރިސަރޗް ސެންޓަރ" ގެ ނަން، "މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް" މި ނަމަށް، 2019 އޮގަސްޓު 29 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވައި، އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމުގައި ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

އެގޮތުން އެ އިންސްޓިޓިއުޓްގެ މަސައްކަތްތައްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އެއީ:

މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް

  1. 1. ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކައި، ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުން.
  2. 2. ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުން.
  3. 3. ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި،ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުން.
  4. 4. ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި، އެ ތަކެތީގެ މާޙައުލަށް ގެއްލުން ނުވާ ގޮތަކަށްކަމާއި،އެ ބާވަތްތައް ހިފެނީ އެ ބާވަތްތަކަށް ގެއްލުން ނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް،

އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން.

  1. 5. ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި، މާޙައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް، ސައިންސްގެ އަލީގައި މަޢުލޫމާތު ފޯރުކޮށްދިނުން.
  2. 6. ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗަރގެ ދާއިރާ ތަރައްޤީ ކުރާނެ ގޮތުގެ ފަންނީ ލަފާ ދިނުން.
  3. މަސްވެރިކަމާއި، މެރިކަލްޗަރާއި، ފަރުތަކާ ގުޅޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މި ދާއިރާއިން ސައިންސް ކުރިއަރުވައި، މިފަދަ ޖަމްޢިއްޔާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

މީގެ އިތުރުން ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މަޢުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުންވެސް އެ އިންސްޓިޓިއުޓްގެ މަސައްކަތުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް