މިނިވަން ނޫހުގެ ނޫސްވެރިޔާ ރަހީނުކޮށްގެން އެރުވީ ޑިންޑީއަކަށް ކަމަށާއި މަރާލާފައިވަނީ ކަނޑު އުޅަނދެއްގައި ކަމުގައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިން ބައްދަލުވުމުގައެވެ.
ހުސްނުއްސުއޫދު ފާހަގަކުރެއްވި ގޮތުގައި މިކަންތައް ފެށިގެން ގޮސްފައިވަނީ 2010 އަދި 2011 ވަނަ އަހަރާއި ހިސާބުގައެވެ. އެގޮތުން މިއީ މިނިވަން ފިކުރުގެ ބަޔަކާއި ދީނީ ހަރުކަށި ފިކުރުގެ ބަޔަކާއި ދެމެދު ހިނގާފައިވާ ކަންތައްތަކެއްކަން ސުއޫދު ފާހަގަކުރެއްވިއެވެ.
ރިލްވާން ހުޅުމާލެއަށް ދިޔަކަމާއި ރަތް ކާރަށް އެރުވީ ރިލްވާންކަން ލިބިފައިވާ ހެކީގެ އަލީގައި ކަށަވަރު ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރިލްވާން މަރާލާފައިވަނީ ކަނޑު އުޅަނދެއްގައި ކަމަށާއި ރިލްވާން މަރާލި އުޅަނދުގެ ވެރިފަރާތް ހޯދިފައިވާކަމުގައިވެސް ހުސްނުއްސުއޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގައި ދެ މީހަކު ކިޑްނެޕްކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރުކޮށްފައިވާ ކަމުގެ އިންޓެލް ރިޕޯޓެއް ކުރިން ލިބިފައި އޮތް ކަމަށާއި އަދި ރިލްވާން މަރާލަން އުޅުމުން ޝަހާދަތް ކިޔުމުން އޭނާ މަރާނުލަން އެއްބަޔަކު ބުނި ކަމަށާއި އެކަމަކު، ކުށުގެ އަދަބަކަށް އޭނާ މަރަންޖެހޭ ކަމަށް ބުނެ ހިޔާލު ތަފާތުވީ ކަމަށް ބައެއް ހެކިބަސް ވަނީ ލިބިފައި ކަމަށްވެސް ހުސްނުއްސުއޫދު ވިދާޅުވިއެވެ. އަދި އެހެންވެ ހެކި ބަހުގެ ފުށުއެރުންތަކެއް އުޅޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ހުސްނުއްސުއޫދު އިތުރަށް ވިދާޅުވީ ދީނީ ހަރުކަށި ފިކުރު ފެތުރިފައި ވަނީ ހީކުރެވިފައިވާ ވަރަށް ވުރެ ބޮޑަށް ކަމަށާއި އެކަމާ ދެކޮޅަށް އެންމެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. ރިލްވާން ވަގަށް ނެގުމާއި ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވަނީ އެއް ބަޔަކު ކަމަށާއި އެ މީހުންގެ ނުރައްކާ ވަރަށް ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް