ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މީހުން ހޯދިއްޖެކަމަށް މަރުތައް ބަލާ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަނުން މިހާރު ކުރިއަށް ގެންދަމުންދާ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ކުރުމާ ގުޅޭގޮތުން މާދަމާ ޕްރޮސެކިއުޓާ ޖެނެރަލް އާއި ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތަހުގީގަށް ފާހަގަކުރެވުނުގޮތުގައި، ރިލްވާނަށް މަރުގެ އިންޒާރު ދިނީ އައިއެސް ޖަމާއަތުން ކަމަށާއި އިންޒާރު ދެވުނީ ފޭސްބުކް މެސެޖަކުން ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވިގޮތުގައި ރިލްވާނާއި އެފްބީން ވާހަކަދެއްކީ ބިލާދު އަލް ޝާމް ކިޔާ މީޑިއާއެއްގެ އެޑްމިން ކަމަށެވެ. ސިރިއާގައި ތިބި ދިވެހިންގެ މައުލޫމާތު ހާމަކޮށް އެ ހަބަރު ފަތުރަނީ ރިލްވާން ކަމަށް ތުހުމަތުކޮށް، ރިލްވާނަކީ އެއްވެސް ދީނެއް ގަބޫލްނުކުރާ މީހެއް ކަމަށް ބުނެ އެމީހާ ރިލްވާނަށް މެސެޖު ކުރިކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. އަދި ބިލާދު އަލް ޝާމް ޖަމާއަތަކީ "މިނިވަން ފިކުރުގެ" ވިސްނުމުގެ މީހުން ބޭއްވި އެއްވުމަށް 2011 ވަނަ އަހަރު ހުރަސް އެޅި ޖަމާއަތް ކަމަށް ވެސް ސުއޫދު ވަނީ ފާހަގަކުރައްވާފައެވެ.
"ރާއްޖޭގައި ހަރުކަށި ޖިހާދީ ޖަމާއަތުގެ ބަޔަކު އުޅެފައިވޭ. އެ ޖަމާއަތުން ވަކި ބަޔަކަށް ޓާގެޓްކޮށް މަރާލަން މަސައްކަތްކުރި. އެމީހުން މަރާލަން ރޭވި މީހުންގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، ބްލޮގަރު ޔާމީން ރަޝީދާއި، ބްލޮގަރު ހިއްލަތު ހިމެނޭ. ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ބައެއް މައްސަލަތައް ގުޅިފައި ވަނީ ހަރުކަށި "ޖިހާދީ ފިކުރުގެ" ގްރޫޕަކާ. އެމީހުން ވަނީ މިހާރު ރާއްޖެއިން ބޭރަށް ފުރައިގެން ސީރިއާއަށް ގޮސްފައި." ސުއޫދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް