ތ. އަތޮޅު ކައުންސިލަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ތ.އަތޮޅުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮދުވުން ތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސާއި މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި، އަތޮޅުގެ ހުރިހާ ރަށަކުން 24 ގަޑިއިރު ބޭސް ލިބޭނެ އިންތިޒާމް ފަހިކޮށްދެއްވުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުން ވަނީ ނައިބު ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. ކައުންސިލަރުން ވަނީ އެއަތޮޅުގެ ސީ އެމްބިއުލާންސްގެ ޚިދުމަތުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އެޚިދުމަތާއިމެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ނައިބު ރައީސާއި ހިއްސާކުރައްވާފައެވެ.
މީގެއިތުރުން، އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ބާރުވެރިކަން ހޯދަދިނުމާއި، އަތޮޅުގެ ފެރީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވެސް ކައުންސިލަރުން ވަނީ ނައިބު ރައީސްގެ އަރިހުގައި ދަންނަވާފައެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ނައިބު ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް