ގޭތެރޭކުރާ މަސައްކަތަކީ މަސައްކަތެއް ކަމަށް ބަލައިނުގަތުމަކީ އަންހެނުންނަށް ދިމާވާ ގޮންޖެހުމެއް: މިނިސްޓަރު ޝިދާތާ

އަންހެނުން ގޭތެރޭގައި އުޖޫރަ ނުލިބޭގޮތަށް ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުމަކީ އަންހެނުންނަށް ދިމާވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައި ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފު ވިދާޅުވެއ...

01 Sep 2019 | 08:40

އަންހެނުން ގޭތެރޭގައި އުޖޫރަ ނުލިބޭގޮތަށް ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުމަކީ އަންހެނުންނަށް ދިމާވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމުގައި ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ނިއު ދިއްލީގައި އޮގަސްޓް މަހުގެ 31 ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހަށް ކުރިއަށް ގެންދާ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ، ކުދިން ބެލުން، ކެއްކުން، ފޮޅާ ސާފުކުރުން ފަދަ ކަންކަމަކީ އުޖޫރައެއް ލިބުމެއްނެތި ކުރާ މަސައްކަތްތަކެއް ކަމަށާއި، އެއީ މަސައްކަތެއްގެ ގޮތުގައި ބަލައިނުގަނެވޭ ކަންކަން ކަމުގައެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަގީގަތަކީ، މި މަސައްކަތްތައް އެމީހުން ނުކުރާނަމަ މުޖުތަމައު ހުއްޓި، އިޤްތިޞާދު ފުނޑުފުނޑު ވެގެންދާނެ ކަންކަން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ފިރިހެނުންނަށްވުރެ ގިނަ މަސައްކަތް އުޖޫރަ ދީގެންވެސް އަދި ނުދީވެސް އަންހެނުން ކުރާކަމަށް މިނިސްޓަރު ވަނީ ފާހަގަކުއްވާފައެވެ.

"މެޓާނިޓީ ލީވްއަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އޮތް މިންތީގެ ތަފާތު ކުޑް ކުރުމާއި ވަޒީފާއާއި އާއިލާއަށް ވަގުތު ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ތައާރަފްކުރެވުނު އެފަދަ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތު" އެކަމަނާ ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި، އަންހެނުން ބާރުވެރިކުރުމާއި ގުޅޭގޮތުން އެކަމަނާ ވާހަކަދެއްކެވިއެވެ. އަދި އަންހެނުންގެ ބައިވެރިވުން އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރުކުރުމަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް