ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ.
އެތައް ސަތޭކަ ދަރިވަރުންނާއި އެކު ރޭ އިސްލާމީ މަރުކަޒުގައި ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އެވެ.
މިއަހަރުގެ މުބާރާތް ޖުމްލަ ތިން ކެޓެގަރީއަކަށް ވަނީ ބަހާލައިފައެވެ. އެއީ ސްކޫލް ދަރިވަރުންގެ ކެޓަގަރީ އާއި އާންމު ކެޓަގަރީގެ އިތުރުން ހާފިޒުންނަށް ހާއްސަ ކެޓަގަރީއެވެ.
މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމުގައި ވީނަމަވެސް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ޤާރީންނާއި ޙާފިޡުން ފަދަ ފަރާތްތައް ރާއްޖެއިން ބޭރުން ގެންނަންޖެހުމަކީ ވިސްނާލަންޖެހޭ ކަމެއްކަމަށާއި، އޭގެ ބަދަލުގައި ރާއްޖެއިން އެކަންކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމުގައެވެ.
ރާއްޖެއިން މިހާރުވެސް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކާއި ބޭރުގެ އެކިއެކި މުބާރާތްތަކުގައި ބައިވެރިވަމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ރަމްޟާންމަހު ޤާރީން ބޭރުން ނުގެނެސް ރާއްޖެއިން އެކަން ހަމަޖެއްސުމުގެ މަޤްޞަދުގައި މަސައްކަތްކޮށްފިނަމަ ދާދި އަވަހަށް އެކަން ކާމިޔާބުވެދާނެ ކަމުގައެވެ.
ޤުރުއާން ކިޔަވައި އޭގެ މާނަ ދަސްކުރާ ބަޔަކަށް ވުމަށާއި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ދަރިންނަށް ނަޞޭޙަތްތެރިވެދެއްވައި އެކަމަށް ބާރުއަޅުއްވައި ދެއްވުމަށް ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.
ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަޤްޞަދުގައި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން މިއަހަރު މިފަށާ 33 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ބައިވެރިވެއެވެ.
މި މުބާރާތުގެ ކިޔެވުން އިސްލާމީ މަރުކަޒުގެ ލޯލާއި، ކީރިތި ޤުރުއާނާއިބެހޭ މަރަކަޒުގައި އެއް ވަގުތެއްގައި ކުރިއަށްގެންދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް