އެސްފިޔަތައް ތެޅިލުމަށްފަހު މަޑުމަޑުން ލޯ ހުޅުވެމުންދިޔައެވެ. ފުސްކޮށް ފެންނަމުން ދިޔަ މަންޒަރު ސާފުވެ، ރޭ ހިނގި ހާދިސާ ހަނދާނަށް އަންނަމުން ދިޔައެވެ. ތެދުވަން އުޅެއުޅެ ކާމިޔާބެއް ނުވިއެވެ. ލޮލުން ކަރުނަ އަންނަން ފެށީ ކިހިނެއް ކަމެއްވެސް ނޭންގުނެވެ. މުޅި ގައިގައި ރިއްސަން ފެށީ އެހެނަކުން ނޫނެވެ. އުނުގަނޑުން ތިރީގައި ވާގިވެސް ނެތް ކަހަލައެވެ. ކަރުބުޑުން ހަޅޭއްލަވަން ބޭނުންވި ނަމަވެސް، އަޑުވަނީ ބެދިފައެވެ. ކަރުތެރެ ވަނީ ހިކިފައެވެ. ހިތު ވިންދު ކަންފަތައް އިވެމުންދިޔައިރު، މޭފަޅާފައި ހިތް ނިކުންނަން އުޅޭ ކަހަލައެވެ. މުޅި ހަށިގަނޑުން ވިންދު ޖަހަމުންދިޔަ ކަހަލައެވެ. އެހާވެސް އެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔައެވެ.
އިރުގެ ރަންދޯދިތަކުން މުޅި މާހައުލު ވަނީ ހޫނުކޮށްލާފައެވެ. ގަޑިން ހެނދުނު 10 ޖެހީއެވެ. ހުސޭނާއި، އޭނާގެ ބިދޭސީ މުވައްޒަފުން މިއަދު މަސައްކަތު އައީ ތަންކޮޅެއް ލަހުންނެވެ.
"ކަރަމް ދޭ މަތީގަ ހުރި ކުލަފާޓާތައް ހިފައިގެން އަންނަން" ބަރު އަޑުން ހުސޭނު އަމުރުކޮށްލިއެވެ. ހަމަ އެ ސިކުންތުގައި ކަރަމް ދުއްވައިގަތީ ހަދަން ފަށާފައި ހުރި އެއިމާރާތުގެ ސިޑިއާއި ދިމާލަށެވެ. ވާނީ ދިހަވަރަކަށް ސިކުންތެވެ. އިވުނީ އަޑުގެ ނެތްތަނަށް ކަރަމް ހަޅޭއްލަވައިގަތް އަޑެވެ.
"ބޮސް... ބޮސް..." ކަރަމް ތިރިއަށް އައި އިރު ހުރީ ދާހިތްލާ ފޯވެފައެވެ. ބިރުން ހުރީ ތުރުތުރު އަޅައިގަނެފައެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ހުސޭނަށް ކަށަވަރުވިއެވެ. ކަރަމަށް އިތުރު ބަހެއް ނުބުނެވި އުޅެނިކޮށް ހުސޭނު މައްޗަށް ދިއުމަށް ދުއްވައިގަތެވެ.
ފެނުނު މަންޒަރުން ހުސޭނުގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އަނގަ ހުޅުވުނީ އިހްތިޔާރަކާނުލައެވެ.
"ސުބުޙާނައްﷲ" ހުސޭނަށް ބުނެވުނީ އެވަރަށެވެ. އެވަގުތު އޭނާގެ ދެލޯ އިނީ ނިތްކުރީގައެވެ.
"ކަރަމް ފޮތިގަނޑެއް ހޯދައިގެން ގެނޭ" ހުސޭނު ހަޅޭއްލަވައިގަތެވެ. ޖީބުން ފޯނު ނެގިއިރު ހުސޭނުގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ.
"ހަ..ހަލޯ ޕޮލިސް"
****
"ރޭ ނާދެއޭ ގެއަކަށް... ގުޅާފަ ބުނީ މަންމަ ނިދާށޯ އޮފީހުގަ ތަންކޮޅެއް ބިޒީ އޯ" ފޯނު ކަންފަތުގައި ޖަހައިގެން ޝަހުމާ ހުރީ ރިސޯޓުގައި ހުރި ފިރިމީހާ އާއި ވާހަކަދައްކާށެވެ.
"ވެދާނެއްނު ރޭ އައިސްފަ ހެނދުނު އަވަހަށް ދިޔައީ ކަމަށް" ޝަހުމާ ހަމައަކަށް އެޅުވުމުގެ ނިޔަތުގައި ޔާސިރު ބުނެލިއެވެ. ޝަހުމާ ހުރީ ވަރަށް ހާސްވެފައެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ހަބަރެއް ނުވެގެން އޭނާ ހުރީ އިންތިހާޔަށް ކަންބޮޑުވެފައެވެ.
"އަޅެ އޮފީހަށް ނުދެއޭ މަ ގުޅައިފީމޭ އޭނަ ރައްޓެހި އަޝްރާ އަށް ވެސް..." ޝަހުމާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
"ޝަހުމާ އަހަރެމެންގެ ދަރިފުޅަކީ ވިސްނޭ ކުއްޖެއް... ރަގަޅު ނުރަގަޅު އިނގޭވަރު ކުއްޖެއް... އެވަރަށް ހާސްނުވެބަލަ އެއީ ކުޑަކުއްޖެއް ނޫނޭ މިހާރު... ހަމަޖެހިބަލަ... މިހާރު މިދަނީ ޑިއުޓީއަށް... ހަބަރެއް ވިއްޔާ އަންގާލާތި" މިހެން ބުނުމަށްފަހު ޔާސިރު ފޯނު ބޭއްވިއެވެ. ޔާސިރު ހަމަ ފޯނު ބޭއްވި ވަގުތު ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ.
"ޝައިލާގެ މަންމަތަ؟" އެކޮޅުން އަހައިލި އަޑު އިވުނެވެ.
****
ލިބުނު ބިރުވެރި ޚަބަރާއި އެކު ޝަހުމާ ދުވަމުން ދުވަމުން އައިސް މަޑުކޮށްލީ އޭޑީކޭ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރި ކުރިމަތީގައެވެ. އެވަގުތު މުޅި އެތަން ވަނީ މީހުންނާއިގެން ފުރިފައެވެ. ފުލުހުންގެ ބައިގަނޑު އެތާ ބޮޑުކަމުން ޝަހުމާގެ ހިތުގެ ހިނގުން އަދި އިހުނަށްވުރެ ބާރުވަމުން ދިޔައެވެ. ފަހަތުން އައި ސަމާހް ވެސް ހުރީ ހާސްވެގެން ގޮސް ދާހިއްލަން ފަށައިފައެވެ.
"ޝައިލާގެ މަންމަ... ކިހިނެއް ވެގެން މިއުޅެނީ؟" ފުލުހެއް ކައިރީ ޝަހުމާ އަހައިލިއިރު ތުންފަތް ތުރުތުރުއަޅަމުން ދިޔައެވެ.
"ފުރަތަމަ ޕޭޝަންޓަށް ބަލައިލުމަށްފަހު އެއީ ދަރިފުޅުތޯ ކަށަވަރުކޮށްލަދީ... ޝައިލާގެ އައިޑީން ނަން ކަށަވަރުވީ..." ފުލުސް އޮފިސަރު ބުނެލިއެވެ. އަދި ޝަހުމާ އާއި ސަމާހް ގޮވައިގެން އަވަސްފަރުވާދޭ ކޮޓަރިއަށް ވަނެވެ. ފުރަތަމަ ފެނިލުމާއި އެކީ ޝަހުމާ ދިޔައީ ސިއްސައިގެންނެވެ.
"ޝައިލާ؟ ޝައިލާ މަންމަގެ ދަރިފުޅާ މީ ކިހިނެއްވެފަ؟ ސުބުޙާނައްﷲ... ޝައިލާ މީ... ކިހިނެއްވީ؟" ޝަހުމާ އުޅެންފެށިގޮތުން ސަމާހް އައިސް މަންމަ ގައިގައި ހިފަހައްޓައިލިއެވެ. އެނދުގައި އޮކްސިޖަން މާސްކް އަޅައިގެން އޮތް ޝައިލާ ވެސް މަންމަ އާއި ދޮންބެ ފެނުމުން ރޮވެމުން ދިޔައެވެ. އެވަގުތު ޝައިލާގެ ދޫ ހަރަކާތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަތުގެ އިނގިލިތައް ވެސް ގުޑައިނުލިއެވެ.
ސަމާހް ވެސް ހުރީ ވީގޮތެއް ނޭންގިފައެވެ. ލޯބިވާ ކޮއްކޮ އެފަދަ ހާލަތެއްގައި އޮތުމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ޔަގީންވެއްޖެއެވެ. ލޭކުލަ އަރާފައިވާ ތުންފަތާއި، ފަޅައިގެން ގޮސްފައިވާ ނިތްކުރި ފެނުމުން ކޮއްކޮ ވަރަށް ހާލުގައި ޖެހިފައިވާކަން ހިތައް ނަގައިގަނެވުނެވެ. އަނެއްކާ އެކްސިޑެންޓެއްވީ ހެއްޔެވެ؟ މަންމަގެ އަތުގައި ހިފައިގެން ސަމާހް ބޭރަށް ނިކުތީ ފުލުސް އޮފިސަރު އެދުމުންނެވެ. ނިކުންނަމުން ޝައިލާގެ މޫނަށް ބަލައިލިއެވެ.
"ކިހިނެއްވީ؟" ކުރަކި އަޑަކުން ސަމާހް އަހައިލިއެވެ.
ފުލުސް އޮފިސަރު ދެމީހުންގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އަދި އިސްޖަހައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ފުލުހެއް ނަމަވެސް ދޭން ޖެހިފައި އޮތް ޚަބަރުގެ ނާޒުކުކަމުންނާއި ބޮޑުކަމުން އެހިތަށް ވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.
"އިޓްސް އަ ރޭޕް ކޭސް"
ޝަހުމާގެ މޫނުމަތީ ހީވީ މީހަކު އެއްޗަކުން ބާރަށް ޖެހިހެންނެވެ. ސަމާހް ވެސް ހުރީ ފުލުސް އޮފިސަރުގެ މޫނަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނޭންގިފައެވެ. ޝަހުމާ، ސަމާހްގެ އަތުގައި ބާރަށް ހިފަހައްޓައިލިއެވެ.
"ކާކު؟ ކޮން ބައެއް؟" ދެތުންފަތް ބާރަށް ފިއްތައިލަމުން ސަމާހް އަހައިލިއެވެ. އޭރު އޭނާގެ ދެއަތްތިލަ ތުރުތުރު އަޅަމުން ދިޔައެވެ. ލޮލުގެ ކަޅި ހުއްޓިފައި ހުރީ ސީދާ ފުލުސް އޮފިސަރުގެ ލޮލަށެވެ.
"އަދި ނޭންގެ... އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރި ވަނީ... ޝައިލާ ފެނުނީ ހަދަން ފަށާފަ ހުރި އިމާރާތަކުން.... ވަގުތުން ގެނެސް ފަރުވާ ދޭން ފެށިން... އާއިލާ އަށް އަންގަން ލަސްވީ ކޮން ގެއެއްގެ ކޮން ކުއްޖެއްކަން ހޯދަން ވަގުތުކޮޅެއް ނެގީމަ... އިރާދަކުރެއްވިއްޔާ ޝައިލާ ވަރަށް އަވަހަށް ރަގަޅު ވާނެ... މައްސަލަ ބަލާނަން އަދި މިކަން ކުރި ބަޔަކަށް އަދަބު ލިބޭނެ... ޝައިލާއަށް ވާހަކަ ދެއްކޭވަރުވީމަ ސްޓޭޓްމެންޓް ނަގާނަން... އެއިރުން ކޮންމެވެސް ވަރެއްގެ އަލިމަގެއް ފެންނާނެ" ސަމާހްގެ ކޮނޑުގައި އަތް ބާއްވައިލައިގެން ހުރެ ފުލުސް އޮފިސަރު ވާހަކަ ދެއްކިއެވެ. ޝަހުމާ އިނީ ގޮނޑީގައި ގަނޑުވެފައެވެ.
ސަމާހް އެ ޚަބަރު ބައްޕަ އާއި އާއިލާގެ އެހެން މީހުންނަށް ދިނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައްޓެހިންނާއި އާއިލާގެ މެންބަރުން އައިސް މުޅިތަން ފުރައިލިއެވެ. ޝަހުމާގެ ދައްތަ ޝާއިރާ އިނީ ޝަހުމާގެ ގައިގައި ބައްދާއިލައިގެންނެވެ. އެޚަބަރު އިވުނީއްސުރެ ޝަހުމާ އިނީ ގަނޑުވެފައެވެ. އަނގައިން ނުބުނި ނަމަވެސް ގިސްލެވެމުން ދިޔައެވެ.
***
"ހުރިހާ ހަބަރެއްގަ އެވާހަކަ އެބޮތް... އަހަރެމެން ބަސްޓް ވިއްޔާ ހަމަ ސީދާ ޖަލަށް... މަ ބޭނުމީ އަވަހަށް މިތަނުން ބަޗަން" ސޯފާ މައްޗަށް ވެއްޓިގަންނަމުން ނަޒޭ ބުނެލިއެވެ.
"ނަޒޭ މާ ބިރުގަންނަނީ... އޭރުވެސް މަ ބުނިން ޝޮޓެއް ޖަހާލައިގެން ހުންނާށޭ... ނުވާނެ އެއް ކަމެއްވެސް..." ސިނގިރޭޓެއް ރޯކޮށްލަމުން އިމާދު ބުނެލިއެވެ.
"އޭނަ ހާދަ ވަރަކަށޭ ހަޅޭއްލެވީ... މަށަށް ރޭ ނުވެސް ނިދުން... ހީވަނީ އޭނަ މަ ކަންފަތް ބުޑުގަ ހުރެގެން ހަޅޭއްލަވާހެން" ނަޒޭ ބުނެލިއެވެ.
"އެއީ އަދި އަލަށް ވީމަ... މާ ސިމްޕަތީ ވާނެ ކަމެއް ނެތް... ޗިލް" އަތުގައި އޮތް ސިނގިރެޓު ދިއްކޮށްލަމުން އިމާދު ބުނެލިއެވެ. ނަޒޭ އަނެއް ފަރާތައް މޫނު އަނބުރައިލިއެވެ.
"ނުވާވަރު ކަންތަކުގަ ބައިވެރިވަންޏާ ވާނީ އެހެން... ސިމައްޓެ ޗެލެންޖު ކުރީމަ ކައެ އެކަންތަކުގަ ބައިވެރިވީ... މަށަށް އޭރުވެސް އިނގޭ ކައެ އަށް ނުވާނެކަން... އެއް ކަމެއްވެސް ނުކުރެވުން އޭނަ ދެފައިގަ ހިފަހައްޓައިގެން އޮތީ... ފިނޑި ގޮލައެއް ކައެ ތީ" ދޮރު ހުޅުވާފައި ވަތް ހަމްދާން ބުނެލިއެވެ. އައި ރުޅިން ނަޒޭ އެތަނުން ދާން ހިނގައިގަތެވެ. އެޔާއި އެކީ އިމާދު އާއި ހަމްދާން ބާރުބާރަށް ހޭންފެށިއެވެ.
ބާރު ބާރަށް ސައިކަލު ދުއްވާލައިފައި ނަޒޭ ގެއަށް އައިސް ވަތްއިރު ބޭބެ ނަހުޒާން ގެއިން ނިކުންނަނީއެވެ. ނަޒޭ އަށް ބަލައިލުމަށްފަހު ނަހުޒާން ބާރުބާރަށް ނިކުމެގެން ދިޔައެވެ. ފާޑަކަށް ހީލުމަށްފަހު ގޭތެރެއަށް ވަތްއިރު އެކަކުވެސް ގޭތެރެއިން ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަދެ ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ.
"އަހަންނަށް ތިހެން ނުހަދާ" ބާރު ހަޅޭކަކާއި އެކު އިވުނު އެއަޑުން ނަޒޭ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އެނދުން ތެދުވެ، ދެކޮޅަށް ހިނގަން ފެށިއެވެ. ހިނގަ ހިނގާހުރި ނަޒޭގެ ލޮލުގައި އަޅައިގަތީ ޑްރެސިންގ ޓޭބަލް މަތީ އޮތް ކެވެލިކޮޅެވެ. ހިތްތަކެއް ޖަހާފައި އޮތް އެ ރަން ކެވެލިކޮޅު ނަގައި އެޔަށް ބަލައިލިއެވެ. އެއަށްފަހު ދެލޯ މަރައި ބާރުކޮށްލިއެވެ.
***
"ޝައިލާ ސްޓޭޓްމެންޓް ދީފި" ސަމާހް ނިކުމެ މަންމަ ކައިރީ ބުނެލިއެވެ. ޑޮކްޓަރު ހުއްދަ ދިނުމުން ޝަހުމާ އެކޮޓަރިއަށް ވަނެވެ. ޝައިލާ އެތާ އޮންނަތާ ސައުވީސް ގަޑިއިރު ވީއެވެ. ޝަހުމާގެ އަރުން ފެންފޮދެއް ފިޔަވައި އިތުރު އެއްޗެއް މި ވޭތުވެދިޔަ ސައުވީސް ގަޑިއިރުތެރޭ ނުދެއެވެ. ދަރިފުޅުގެ ޚަބަރާއި އެކީ މާލެ އައިސްހުރި ޔާސިރުގެ ހާލުވެސް ހަމަ އެފަދައެވެ.
"ދަރިފުޅާ ކިހިނެއްތަ؟" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ޝަހުމާ ހިތްވަރުކޮށްލާފައި އަހައިލިއެވެ. ރުއިން ނޫން ކަމެއް ޝައިލާ ނުކުރެއެވެ.
"މަންމާ އަދި... އަދިވެސް... ތަދު" ޝައިލާ އަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ރޮވެން ފެށުނެވެ. ޝަހުމާ ގުދުވެލާފައި ދަރިފުޅުގެ ގައިގައި ބައްދައިލިއެވެ. ހިތްވަރުގަދަ ސަމާހްގެ ހިތްވެސް ވަނީ އެކީ ކުދިކުދި ވެފައެވެ. ކޮއްކޮ އަށް މިހާލުޖެއްސި ޖަނަވާރުތައް ފެނިއްޖެނަމަ ބަދަލު ހިފާނެކަން ޔަގީނެވެ.
"މަންމާ... މަންމާ... ހިނގާ ބޭރަށް" ކެތް ނުވެގެން ސަމާހް އައިސް ޝަހުމާ ދުރުކޮށްލިއެވެ. މަންޒަރު ބަލަންހުރި ޔާސިރު ވެސް ހުރީ ރޮވިފައެވެ. ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެއެވެ. ބޭނުންވަނީ ދަރިފުޅަށް މިހާލުޖެއްސި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާށެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށް މިހާލު ޖެއްސި މީހުންނަށް ދުވަހަކުވެސް މައާފެއް ނުކުރާނެއެވެ.
"ހަތަރު މީހުން ވެގެންނޯ އެހެން ހެދީ... އޮފީހުން އަންނަނިކޮށް އަނގަމަތީ އަތް އަޅައިގެން ގަދަކަމުން އެ އިމާރާތް ތެރެއަށް ވެއްދީއޯ... ދެން އަޅެ ތަންދޮރު އިނގޭ އަންހެންކުއްޖަކު އެކަނި އެހާ ދަންވަރު ބޭރަށް ނިކުތީ ކީއްކުރަންތަ؟ ގައިމު ގޭގަ އޮތްނަމަ އެހެންނެއް ނުވީސް..." ހޮސްޕިޓަލަށް ވަދެގެން އައި ސަމާހްގެ ކަންފަތައް ފުރަތަމަ ވެސް ފޯރީ އެއަޑެވެ. ފަހަތް ބަލައިލިއިރު ދެ އަންހެނުން ހަމަޖެހިލައިގެން ތިބީ އެވާހަކަ ދައްކާށެވެ. އެއްޗެއް ބުނަން އުޅެފައިވެސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ސަމާހް ކުރިއަށް ހިނގައިގަތެވެ. ހިނގައިގަތްއިރު އޭނާގެ މުށް ހުރީ މެޅިފައެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް