ހިތު ހުރިގޮތެއް ތައުލީމީ މަންހަޖަށް ހަދަން ފުރުސަތު ނުދޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ތައުލީމީ މަންހަޖަށް ގެންނަން އުޅޭ ބަދަލުތަކާއި ގުޅިގެންނެވެ. މިނިސްޓްރީން މިހާރު ވަނީ މަންހަޖު މުރާޖާ ކުރަން ފަށާފައެވެ.
މެމްބަރު އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖްގައި މިއަދު ޖެހި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީން މަންހަޖަށް ގެންނަން އުޅޭ ބަދަލުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި މަޝްވަރާކުރަން ބޭނުންވާތީ، އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވުމަށް މިހާރު ދެ ސިޓީ ފޮނުވައިފި ކަމުގައެވެ.
"ކޮންމެ ކަމެއް ސާފުކުރަން މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ޖެހުމަކީ ދެރަކަމެއް. ލަދުވެތި ކަމެއް. ރައީސް އައި.އެމް.އެސް އާ ބައްދަލު ކުރަން އެދުނުތާ ހަފްތާއެއްނުވެ އެކަންވި" އާދަމް ޝަރީފްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތައް ޝަމިލުނުކޮށް، ތައުލީމީ މަންހަޖަށް ބަދަލު ގެނައުމަކީ ކުރިއަރާފައިވާ އެއްވެސް ގައުމެއްގައި ކުރާނެ ކަމެއް ނޫންކަމަށް ވެސް އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނިގޮތުގައި، މަންހަޖަށް އިސްލާހު ގެނައުމުގެ ފުރަތަމަ ފިޔަވަހީގައި މަސައްކަތްކުރާނީ ކީ ސްޓޭޖް ގްރޭޑްތައް ކަމަށްވާ ގްރޭޑް 1، ގްރޭޑް 2، އަދި ގްރޭޑް 3 ގެ މާއްދާތައް އިސްލާހު ކުރުމަށެވެ. އާ މަންހަޖުގެ ފޮތްތައް ކީ ސްޓޭޖްގެ ކުދިންނަށް ބޭނުން ކުރެވެން ފެށޭނީ 2021 ވަނަ އަހަރު ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ތައުލީމީ މަންހަޖަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް