އިންޑިއާގައި އެއްބުރުން ތިންފަށް ވަރިން އަންހެނުން ވަރި ކުރި މީހަކު ހައްޔަރުކޮށްފި

އަވަށްޓެރި އިންޑިއާގައި އެއްބުރުން ތިންފަށް ވަރިން ވަރި ނުކުރެވޭގޮތަށް އެ ގައުމުގެ ގާނޫނަށް ދާދިފަހުން އިސްލާހު ގެނެސްފައިވާއިރު މި އިސްލާހުގެ ދަށުން ހުށަހެޅި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވ...

01 Sep 2019 | 01:42

އަވަށްޓެރި އިންޑިއާގައި އެއްބުރުން ތިންފަށް ވަރިން ވަރި ނުކުރެވޭގޮތަށް އެ ގައުމުގެ ގާނޫނަށް ދާދިފަހުން އިސްލާހު ގެނެސްފައިވާއިރު މި އިސްލާހުގެ ދަށުން ހުށަހެޅި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ބިހާރު ސްޓޭޓްގެ ގާޔާ ޑިސްޓްރިކްޓަށް ނިސްބަތްވާ އިންޖިނޭރެކެވެ.

އިންޑިއާގެ ނޫސްތަކުގައި ޕިރަބޯރުގެ ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން ހައުސް އޮފިސަރު ރިޒްވާން އަހްމަދު ޚާން އާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައިވަނީ އެއްބުރުން ތިންފަށް ވަރިން ވަރިކުރި އަންހެން މީހާ އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

އެއްބުރުން ތިންފަށް ވަރިއަކުން ވަރި ކުރުމަށްފަހު އެ އިންޖިނޭރު އުޅުނީ ފިލަން ކަމަށާއި ނަމަވެސް އަންހެން މީހާގެ އާއިލާއިން އެ ފިރިހެން މީހާ ގެނެސް ޕޮލިސް ސްޓޭޝަނާއި ހަވާލުކުރީ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އިއްޔެ ހައްޔަރުކުރި މި މީހާ ކޯޓަށް ހާޒިރުކޮށް 14 ދުވަހުގެ ޖަލު ހުކުމެއް އެމީހާގެ މައްޗަށް އުފުލާފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

"ޕްރޮޓެކްޝަން އޮފް ރައިޓްސް އޮން މެރިއެޖް އެކްޓް 2019" މިއީ މި މިދިޔަ މަސްތެރޭގައި އިންޑިއާގެ ގާނޫނަށް ގެނައި ބަދަލެކެވެ. އެއްބުރުން ތިންފަށް ވަރިން މުސްލިމް ކަނބަލުން ވަރިކުރުން މި ގާނޫނުގެ ދަށުން އިންޑިއާގައި މިހާރު ވަނީ މަނާކޮށްފައެވެ. މި ގާނޫނާއި ހިލާފުވާ ފަރާތްތައް ގިނަވެގެން ތިން އަހަރުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް