ސައުދީގައި ކެންސަރެއްހެން ވަރި އިތުރުވަނީ: ދިރާސާ

ސައޫދީ އަރަބިއްޔާގައި ކެންސަރެއްހެން އިންތިހާއަށް ވަރި އިތުރުވަމުން އަންނަ ކަމުގައި، އެގައުމުގެ ނެޝަނަލް ޑަޔަލޮގް ސެންޓަރުން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއަކީ އެ ގައުމުގެ 13 ރީޖަން ހިމެނ...

31 Aug 2019 | 19:48

ސައޫދީ އަރަބިއްޔާގައި ކެންސަރެއްހެން އިންތިހާއަށް ވަރި އިތުރުވަމުން އަންނަ ކަމުގައި، އެގައުމުގެ ނެޝަނަލް ޑަޔަލޮގް ސެންޓަރުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ އެ ގައުމުގެ 13 ރީޖަން ހިމެނޭގޮތަށް ކޮށްފައިވާ ބިޔަ ބޮޑު ދިރާސާއެކެވެ.

އެގޮތުން ކޮންމެ ގަޑިއިރަކަށް ފަސް މީހަކު ވަރިކުރާއިރު ދުވާލެއްގެ މައްޗަށް މަދުވެގެން 129 މީހަކު ވަރިކުރާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި 85.4 އިންސައްތަ ވަރީގެ ސަބަބަކަށް ވެފައި އޮންނަނީ ދެމަފިރިންގެ މެދުގައި ކަންކަމުގައި މަޝްވަރާ ނުކުރެވުމެވެ. އެކަކު އަނެކަކަށް ކަންކަން ހިއްސާ ނުކުރެވުމެވެ.

82 އިންސައްތަ ވަރި ނިސްބަތްވަނީ ޒުވާން ޖޯޑުތަކަށް ކަމުގައިވެސް ބުނެފައިވެއެވެ. އަދި 54 އިންސައްތަ ވަރީގެ ސަބަބަކަށް ވެފައިވަނީ ނުގުޅޭ ބައިވެރިއަކު ހިޔާރު ކުރެވުން ކަމަށާއި 81 އިންސައްތަ ވަރީގެ ސަބަބަކަށް އާއިލާގެ ނުފޫޒު ވާކަމަށްވެސް ބުނެފައިވެއެވެ.

އިތުރު ސަބަބު ތަކުގެ ތެރޭގައި ބައިވެރިޔާ މަސްތުވާތަކެތި ބޭނުން ކުރުމާއި ދަރިންގެ މައްސަލަތައް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެ ދިރާސާގެ އަލީގައި ބުނެފައިވަނީ އެ ގައުމުގައި ވަރި ކޮންޓްރޯލު ކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ނުކޮށްފިނަމަ ވަރި އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ ކުރިއަށް އެގައުމު އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ދުނިޔޭގައި އެންމެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމަކީ ދިވެހިރާއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް