މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު – އެއްކޮޅުގައި އިޒްރޭލު، އަނެއްކޮޅުގައި އިރާޤް، ސޫރިޔާ އަދި ލުބުނާނު

މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. އެގޮތުން މި ހަނގުރާމައިގެ އެއްކޮޅުގައި އިޒްރޭލު އޮތް އިރު އަނެއްކޮޅުގައި އޮތީ އިރާގު، ސޫރިޔާ އަދި ލުބުނާނެވެ. ޖުލައި ...

31 Aug 2019 | 19:16

މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. އެގޮތުން މި ހަނގުރާމައިގެ އެއްކޮޅުގައި އިޒްރޭލު އޮތް އިރު އަނެއްކޮޅުގައި އޮތީ އިރާގު، ސޫރިޔާ އަދި ލުބުނާނެވެ.

ޖުލައި މަހުން ފެށިގެން އިރާޤް، ސޫރިޔާ އަދި ލުބުނާނު ހިމެނޭހެން ގޮތް ނޭނގޭ ހަމަލާތަކެއް އެ ސަރަހައްދުތަކަށް އަމާޒުވާން ފެށިއެވެ. އެ ތިން ޤައުމުގެ ހަނގުރާމަވެރިން ކަމުގައިވާ ސޫރިޔާގެ އަސްކަރިއްޔާ، ލުބުނާނުގެ ޝިއަޢީގެންގެ ހަނގުރާމަވެރި ހިޒްބުﷲ އަދި އިރާގުގައި އިރާނުގެ ވާގިވެރިކަމާއެކު އޮތް ހަނގުރާމަވެރި ޖަމާއަތްތަކުން ދެކޭގޮތުގައި މި ހަމަލާތަކުގެ ފަހަތުގައި އޮތީ އިޒްރޭލު ކަމަށް.

އެގޮތުން

ޖުލައި 19 – އީރާނުގެ ވާގިވެރިކަމާއެކު ބަގުދާދުގެ އުތުރުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރިންގެ ބޭސް އަކަށް މަތިން ބޮންތަކެއް އެޅި

ޖުލައި 30 – އިރާޤުގެ ދިޔާލާ ޕްރޮވިންސްގެ ކޭމްޕް އަޝްރަފަށް ހަމަލާތަކެއް އަމާޒުވި

އޮގަސްޓް 12 -   އިރާޤުގައި ގާއިމްކޮށްފައިވާ އަލް ސަޤްރު މިލިޓަރީ ބޭސް އަށް ޑްރޯން ހަމަލާތަކެއް އަމާޒުވި

އޮގަސްޓް 20 – އިރާޤުގެ ބަލާދު ކައިރީގައި އޮންނަ މަޝްހޫރު މޮބިލިޒޭޝަން ފޯސްގެ ބޭސް އަކަށް ހަމަލާތަކެއް އަމާޒުވި

އޮގަސސްޓް 21 – އެ ބޭސްތަކަށް ހަމަލާދެނީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން ކަމަށް އިރާނުގެ ވާގިވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތްތަކުން ތުހުމަތު ކުރި

އޮގަސްޓް 24 – ސޫރިޔާގައި ހަރަކާތްތެރިވާ ޤުދުސް ފޯސް އަށް އިޒްރޭލުން ފާޅުގައި ހަމަލާ ދިން، އެ ހަމަލާ ދިނީ ޑްރޯންތަކެއް ހުއްޓުވަން ކަމުގެ ބަހަނާގައި، އެ ހަމަލާގައި ހަނގުރާމަވެރި ފަސް މީހަކު މަރުވި

އޮގަސްޓް 25 – ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ޑްރޯންތަކެއްގައި ހަމަލާދީފި ކަމަށް ހިޒްބުﷲ އިން އިއުލާނު ކުރި

އޮގަސްޓް 25 – ލުބުނާނުގެ އިސްތިގްލާލަށް އިޒްރޭލުން އަރައިގެންފައިވާކަމަށް ލުބުނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ ވިދާޅުވި، ލުބުނާނު މަތިން އުދުއްސާ، އިޒްރޭލަށް ނިސްބަތްވާ ކޮންމެ ޑްރޯނެއް ދެން ވައްޓާލާނެ ކަން ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އިއުލާނު ކުރި

އޮގަސްޓް 26 – އިޒްރޭލުން ހަމަލާތައް ދީ، އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށްފި ކަމަށް އިރާޤުގެ ހަނގުރާމަވެރިންގެ ކޯލީޝަނުން އިއުލާނު ކުރި

އޮގަސްޓް 30 – އިޒްރޭލުން ލުބުނނު ބޯޑަރު ސަރަހައްދަށް ފައުޖުތައް ވަނީ ޖަމާކޮށްފައި، އިތުރު ފައުޖުތައް ފޮނުވުމަށް ތައްޔާރަށް ތިބި ކަމަށް އިޒްރޭޅުން ބުނޭ

އޮގަސްޓް 31 – ކޮންމެ ސަރަހައްދަކަށްވެސް ފަސޭހަމަކާއެކު ފޯރާނެ މިސައިލުތައް އެބަ ހުރި ކަމަށް ހިޒްބުﷲ އިން އިއުލާނު ކޮށްފައިވޭ

މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާއިރު އިޒްރޭލާއި ހިޒްބުﷲ އާއި ދެމެދު މީގެ ކުރީގައިވެސް ހަނގުރާމައެއް ހިންގާފައިވެއެވެ.

2006 ވަނަ އަހަރުގެ ލުބުނާނު ހަނގުރާމަ:

އޮގަސްޓް 14، 2006 ވަނަ ދުވަހުގެ ހެނދުނު ފެށުނު ހަނގުރާމަ ނިމުނީ 8 ސެޕްޓެމްބަރު 2006ގައި، ދެ ފަރާތުންވެސް ފަތަހަ ލިބުނު ކަމަށް އިއުލާނު ކުރި.

ހަމަލާތައް ހުއްޓާލީ އދގެ ސެކިއުރިޓީ ކައުންސިލްގެ ރެޒޮލިއުޝަނެއްގެ ދަށުން.

އިޒްރޭލުގެ ފައުޖުގައި 30 ހާހަށްވުރެ ގިނަ ސިފައިން ބައިވެރިކުރި، ހިޒްބުﷲ އިން ހާހެއްހާ ހަނގުރާމަވެރިން ބައިވެރިވި.

އިޒްރޭލުގެ ޑިފެސް ފޯސްގެ 121 މީހަކު މަރާލި، 1244 މީހަކު ޒަހަމްކޮށްލި، އިޒްރޭލުގެ 44 އާންމުން މަރާލި، 1384 އާންމުން ޒަހަމްކޮށްލި، އެހެން ޤައުމުތަކަށް ނިސްބަތްވާ ދެމީހަކު މަރުވެފައިވޭ.

ހިސްބުﷲ އަށް ނިސްބަތްވާ 250 ހަނގުރާމަވެރިއަކު މަރާލި، އެހެން ގައުމުތަކަށް ނިސްބަތްވާ 51 މީހަކު މަރާލި، 25 މީހަކު ޒަހަމްވި، އދ އަށް ނިސްބަތްވާ 5 މަރު 12 މީހަކު ޒަހަމްކޮށްލި.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް