ވޯޓު ފޮށި އިތުރަށް ފޮނުވާތީ އަދި އިމަޖެންސީ ލައިޓް ނުފޮނުވާތީ އެމްޕީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި

ރިޔާސީ އިންތިހާބަށް ރަށްރަށަށް ވޯޓު ފޮށި ފޮނުވަމުންދާއިރު ކޮންމެ ރަށަކަށް އިތުރަށް ވޯޓު ފޮށި ފޮނުވަމުންދާތީ އާއި އަދި އެމަޖެންސީ ލައިޓް ފޮނުވަމުން ނުދާތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލ...

01 Sep 2018 | 12:00

ރިޔާސީ އިންތިހާބަށް ރަށްރަށަށް ވޯޓު ފޮށި ފޮނުވަމުންދާއިރު ކޮންމެ ރަށަކަށް އިތުރަށް ވޯޓު ފޮށި ފޮނުވަމުންދާތީ އާއި އަދި އެމަޖެންސީ ލައިޓް ފޮނުވަމުން ނުދާތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

"ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވޯޓު ފޮށިތަށް ފޮނުވަމުންދާއިރު، ކޮންމެ ރަށަކަށް އިތުރަށް ވޯޓު ފޮށި ފޮނުވަމުންދާތީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އެންމެ 2 ކެންޑިޑޭޓުން ކަމަށްވީހިނދު، މީގެކުރީގެ އިންތިޚާބުތަކާ ހިލާފަށް މިފަހަރު އެއްބުރުން އިންތިޚާބުގެ ނަތީޖާ ނެރެވޭއިރު ކޮންމެ ވޯޓުލާ މަރުކަޒަކަށް އިތުރަށް ވޯޓު ފޮށި ފޮނުވަންޖެހޭ އެއްވެސް ސަބަބެއްނެތެވެ. އަދި ކުރީގެ އިންތިޚާބުތަކުގައި ދެބުރަށް ވޯޓުލާން ޖެހުނުއިރުވެސް ވޯޓުލާ މަރުކަޒުތަކަށް އިތުރަށް އެންމެ ވޯޓު ފޮށްޓެއްވެސް ފޮނުވާފައެއް ނުވެއެވެ." މަހްލޫފް ނެރުނު ބަޔާނެއްގައިއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ވޯޓު ފޮށިތަކާ ރަށްރަށުން ހަވާލުވާ ފަރާތްތަށް ޕީޕީއެމްގެ ޓީޝާޓް ލައިގެން ތިބޭ ފޮޓޯތަށް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާކަމީ މިހާރުވެސް މިއިންތިޚާބުގެ މިނިވަންކަން ގެއްލި އިލެކްޝަން ކޮމިޝަންގެ އިތުބާރު ގެއްލިފައިވާކަމުގެ މިސާލެއް ކަމަށެވެ.

"މިކަމަކީ އިލެކްޝަން ކޮމިޝަންގެ ދެވަނަ ޕްލޭނެއް އޮތްކަން ދައްކުވައިދޭ ކަމެއްކަމުން، މިއީ ކޮންވިސްނުމެއްގައި ހިންގަވާ ކަމެއްތޯ ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް އިލެކްޝަން ކޮމިޝަނަށް އަޅުގަނޑު ގޮވާލަމެވެ." މަހްލޫފްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މާލެ އާއި އެހެނިހެން ރަށްރަށުންވެސް ކަރަންޓު ދިއުމަކީ މިހާރު އާއްމުކަމަށް ވެފައިވާއިރު، ވޯޓުލާދުވަހު އަދި ހާއްސަކޮށް ވޯޓު ގުނާ ވަގުތު ސަރުކާރުން ގަސްތުގައި ކަރަންޓު ކަނޑާލާނެކަމަށް އަޑުފެތުރިފައި އޮތުމުން، ވޯޓު ގުނާ މަރުކަޒުތަކަށް އެކަށީގެންވާ އަދަދަށް އިމަރޖެންސީ ލައިޓް ފޮނުވުމަށް މިފުރުސަތުގައިވެސް އިލެކްޝަން ކޮމިޝަނަށް ގޮވާލާކަމަށާއި މީގެ ކުރީގެ އިންތިޚާބުތަކުގައި ވޯޓު ފޮށްޓާއިއެކު ރަށްރަށަށް އެމަރޖެންސީ ލައިޓް ފޮނުވާފައިވާއިރު، މިފަހަރު ފޮށިތަކާއެކު ލައިޓް ފޮނުވާފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރައްވާކަމަށެވެ.

"ވޯޓު ގުނާ ވަގުތު ކަރަންޓު ކަނޑާލިޔަސް އިމަރޖެންސީ ލައިޓް ބޭނުންކޮށްގެން ސަލާމަތްތެރިކަމާއެކު އަދި ޝައްކު ނުއުފެދޭގޮތަށް ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީކަންވެސް އިލެކްޝަން ކޮމިޝަނުން ރައްޔިތުންނަށް ދެއްވުމަށް ގޮވާލަމެވެ." މަހްލޫފްގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ވޯޓު ފޮށިތަށް ބަންދުކުރާ ވަގުތަކީ ހަވީރު 04:00 ކަމުން، ހުރިހާ ރައްޔިތުންވެސް ވީއެންމެ ހެނދުނާ ވަޑައިގެން ވޯޓު ދެއްވާ އިރުގެ އަލިކަން ހުއްޓަ ވޯޓުފޮށިތަށް ބަންދުކޮށް، ވޯޓު ގުނުމަށް ފުރުސަތުލިބޭގޮތަށް އެއްބާރުލުންދެއްވުމަށް އިލްތިމާސް ކުރައްވާކަމަށާއި އަދި ވޯޓުލާ މަރުކަޒުތަށް ރަގަޅަށް ބަލަހައްޓާގޮތަށް ރަށްރަށުގެ އިންޖީނުގެތަށްވެސް ގާތުން ބެލެހެއްޓުމަށް ގޮވާލާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންވެސް މިފަދަ ޖަރީމާއެއް އެއްވެސް ފަރާތަކުން ހިންގަން ފުރުސަތު ނުދެއްވުމަށް ގޮވާލާ ކަމަށެވެ.

:ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވުމަށް ކުރިމަތިލެއްވި 7000 އެންހާ ފަރާތްތަކުގެތެރެއިން އެތަށް ހާސް ފަރާތަކާ މިއަދާ ހަމައަށްވެސް އިންޓަވިއު ކޮށްފައިނުވާއިރު، އޮފިޝަލުން ގޮތުގައި ފޮށިތަކަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ ސީދާ ޕީޕީއެމް އިން ފޮނުވި ލިސްޓްގައިވާ ފަރާތްތަށްކަން ޔަޤީންކުރެވޭވަރަށް އަޅުގަނޑުމެންގެ އަތުގައި ހެކިއެބަހުއްޓެވެ.މިއިންތިޚާބު އޮޅުވާލާ ގަޑުބަޑުކޮށްލަން އިލެކްޝަން ކޮމިޝަންގެ ބައިވެރިވުމާއެކު ހިންގަމުންގެންދާ ޖަރީމާތަށް ވަގުތުން ހުއްޓާލާ، ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓު ލުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު ގޮވާލަމެވެ." މަހްލޫފްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް މިފުރުސަތުގައިވެސް ގޮވާލާކަމަށާއި މިހުރިހާ ވައްކަމާއި އޮޅުވާލުމުގެތެރެއިން އަދި މިހުރިހާ ދައްޗާއި އުނދަގުލުގެތެރެއިންވެސް ﷲ އިރާދަފުޅާއެކު ތަފާތު ބޮޑުކޮށް މިއިންތިޙާބު އިދިކޮޅު ކޯލީޝަނުން ކާމިޔާބުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް