ސިޔާސީ ހަރަކާތްތައް ހިންގުމަށް ހަމަހަމަ މައިދާނެއް ކަށަވަރުކޮށްދިނުމަށް ސަލާމަތީ ބާރުތަކަށް އިބޫ ގޮވާލައްވައިފި

ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ މައިދާނެއް ކަށަވަރުކޮށްދިނުމަށް ސަލާމަތީ ބާރުތަކަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ގޮވާލައްވަ...

01 Sep 2018 | 09:43

ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ މައިދާނެއް ކަށަވަރުކޮށްދިނުމަށް ސަލާމަތީ ބާރުތަކަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ގޮވާލައްވައިފިއެވެ. ގއ ކޮލަމާފުށީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު، އެރަށުން އެމްޑީޕީއަށް ނިސްބަތްތާ 18 މީހަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ އެކަމަށް، އިޝާރާތްކުރައްވާ ގއ ކޮލަމާފުށީގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ސިޔާސީ ހަރަކާތްތަކަކީ ތަފާތު ކުރުމެއް ނެތި ، ކޮންމެ ޕާޓީއަކަށް، ކޮންމެ ފަރުދަކަށް ދޭންޖެހޭ ހައްޤެއްކަމަށެވެ.

އެއީ ވަކި ޕާޓީއަކަށް، ވަކި ކުލަޔަކަށް، ވަކި ރަށަކަށް އިސްތިސްނާވުމެއް ނެތި ޤާނޫނު އަސާސީން ލިބިދޭ ހައްޤެއްކަމަށް އިބޫ ވިދާޅުވިއެވެ. އިބޫގެ ވާހަކަފުޅުގައިވަނީ އެރަށުން ހައްޔަރުކޮށްފައިވާ 18 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އެއީ ކުށްވެރިން ނޫންކަމަށާއި އެއީ ސިޔާސީ ހަރަކާތް ކުރިޔަށްގެންދިޔަ ބައެއްކަމަށް އިބޫ ވިދާޅުވިއެވެ. އެފުރުސަތު ހަމަހަމަ ކަމާއެކު ހުރިހާ ފަރާތްތަކަށް ދިނުމަށް ސަލާމަތީ ބާރުތަކަށް އިބޫ ގޮވާލެއްވިއެވެ. އަދި ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކަމަކީ ވަކި މީހަކު ބުނާގޮތަކަށް ކަންތައް ކުރުން ނޫންކަމަށާއި ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކަމަކީ ޤާނޫނު އަސާސީއާއި ޤާނޫނުތައް ދިފާޢުކުރުންކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް އިދިކޮޅު ކޯލިޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ފަހަތަށް ނުޖެހި އެހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. " އަޅުގަނޑު ދަންނަވަން ބޭނުންވަނީ ތިބޭފުޅުން މިމަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާށޭ. އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއެކުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށޭ. ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށޭ. މިކަމުގައި ތިބޭފުޅުންނާއެކު ޖަލަށް ވަންނަން ޖެހުނަސް މިތިބީ ތިބޭފުޅުންނާއެކު ޖަލަށް ވަނުމަށް ތައްޔާރަށޭ." ކޮލަމާފުށިން ހޫނު މަރުޚަބާއެއް ކީ ސަޕޯޓަރުންނާ މުޚާތަބުކުރައްވާ އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކޮލަމާފުށިން ފެނިގެންދިއައީ އެރަށުގެ ރައްޔިތުން ތިބީ ވަޒީފާގެ ބިރު ފަހަނައަޅައިގޮސްފައިކަން ކަމަށާއި، ރައީސް ޔާމީނަށް ދެން ދެއްކޭނެ އިތުރު ބިރެތްނެތްކަން ރައްޔިތުން ހާމަކޮށް ދެމުންދާ ކަމަށެވެ. އެހެންކަމުން ދިވެހިރައްޔިތުން އެއްމެ ތަންކޮޅެއްވެސް ދޫނުކޮށް ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އިބޫ އެދިވަޑައިގެންނެވިއެވެ.

ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވަނީ ކޮލަމާފުއްޓަށް ކޮށްދެއްވާނެ ކަންތައްތައްވެސް ހާމަކޮށްދެއްވާފައެވެ. އެގޮތުން ކޮލަމާފުއްޓާއި ޖެހިގެން އޮތް ރަށާއި ދޭތެރެ ހިއްކައި އެމްޑީޕީގެ ވެރިކަމުގައި ޕްލޭންކޮށްފައިވާގޮތަށް ކޮލަމާފުށި ތަރަށްޤީކުރާނެކަމަށް އިބޫ ވިދާޅުވިއެވެ. މީގެއިތުރުން އިބޫ ވިދާޅުވީ ކޮލަމާފުށްޓަކީ މަސްވެރި ރަށެއްކަމަށާއި، އިއްތިހާދުގެ ވެރިކަމެއްގައި ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ މަސްކަނޑުތަކަށް ނުވަދެވޭނެހެން ދިވެހިން މަސްވެރިކަން ކުރުމަށް އިކޮނޮމިކް ޒޯން ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ.

އަދި މަސްވެރިންނަށް ލޯނު ތަޢާރަފުކޮށް، އެކި ކަހަލަ ކްރެޑިޓް ފެސިލިޓީސް ތަޢާރަފުކޮށް، މަސްވެރިކަމަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރާ ފަރާތްތަކަށް ޕެންޝަނެއް ޤާއިމްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ގއ އަދި ގދ ށް މިކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެކިރަށްރަށަށް ވަޑައިގެން ރައްޔިތުންނާ އަންނަނީ ބައްދަލުކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް