އިބޫ އަށް ކޮލަމާފުށިން ހޫނު މަރުޚަބާއެއް، ހަމަނުޖެހުމެއް ނެތް

ގއ ކޮލަމާފުށީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން، ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) އެރަށަށް ވަޑައިގަތުން ފ...

01 Sep 2018 | 08:22

ގއ ކޮލަމާފުށީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން، ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) އެރަށަށް ވަޑައިގަތުން ފަސްކުރުމަށް ފުލުހުން އެދިފައިވާ ވަނިކޮށް، އިބޫ މިއަދު ކޮލަމާފުއްޓަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޚަބާއެއް އިބޫ އަށް ކިޔައިފިއެވެ. ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ގއ ކޮލަމާފުށިން ވަނީ އެމްޑީޕީއަށް ނިސްބަތްވާ 18 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިމީހުންނަށް ޓެރަރިޒަމްގެ ތުހުމަތުކޮށް 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިބޫ އެރަށަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކުރުމަށް ފުލުހުން އެދުނެވެ. ނަމަވެސް އެމްއެންޑީއެފުން ސެކިޔުރިޓީ ދޭނެކަމަށް ބުނެ މިދަތުރުފުޅު އިބޫ ފެއްޓެވިއެވެ.

އިބޫ މިއަދު ކޮލަމާފުއްޓަށް ވަޑައިގެންނެވިއިރު އިބޫ އާއެކު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނަވާ ،އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވަނީ ،އިބޫ އަށް ކަނޑުމަތިން ދޯނިތަކުގައި މަރުޚަބާ ކިޔާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިޔާގައި ޝެއަރ ކުރައްވާ ކޮލަމާފުށީގައި އިބޫ އަށް ކެމްޕޭންކުރަން މާހައުލު ނެތް ގޮތަކީ އެއީ ތޯ ސުވާލު ކުރައްވާފައެވެ.

މީގެއިތުރުންވެސް މީސްމީޑިޔާގައި އެކިމީހުންވަނީ އިބޫ އަށް ކޮލަމާފުށިން ކިޔާފައިވާ މަރުޚަބާ ދައްކުވައިދޭ ފޮޓޯތައް ޝެއަރކޮށްފައެވެ. މިފޮޓޯތަކުން ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުން މިނިވަންކުރުމަށް ގޮވާލާ ބެނާތައް ފެނެއެވެ. އަދި އިބޫ އަށް ހޫނުމަރުޚަބާއެއް ކިޔާފައިވާއިރު އެއްވެސް ހަމަޖެނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް