ޔޫއީއެފްއޭގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުމުން ރޮނާލްޑޯ ރުޅިގަދަވެއްޖެއެވެ.
ޔުވެންޓަސްގެ ކޯޗް މަސްސިމިލިއާނޯ އަލްއޭގްރީ މީޑިޔާގައި ބުނެފައިވާގޮތުގައި އެވާޑް ނުލިބުމުން ރޮނާލްޑޯ ހުރީ ވަރަށް ރުޅިގަދަވެފައި ކަމަށާއި އެއީ އާދައިގެ ކަމެއްކަމަށެވެ. ރުޅި އައިސްފައި ހުރުމުން އެނގިގެންދަނީ ރޮނާލްޑޯ މޮޅުވާން ބޭނުންވާ ވަރާއި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ދެމި ހުރުމަށް ރޮނާލްޑޯ ބޭނުންވާކަމަށެވެ. އަދި މިއީ ޔުވެންޓަސް އަށް ފައިދާހުރި ގޮތެއް ކަމަށްވެސް އަލްއޭގްރީ ވަނީ ބުނެފައެވެ.
ނިމިގެންދިޔަަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ 15 ލަނޑު ޖަހައި ރެއާލް މެޑްރިޑަށް ތަށި ދިފާއުކޮށްދީފައި ވީނަމަވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ރޮނާލްޑޯއާއި އެކު ކުޅުނު ރެއާލްގެ ތަރި ލޫކާ މޮޑްރިޗަށެވެ. މޮޑްރިޗަށް މި މަގާމް ލިބުމުން ރޮނާލްޑޯގެ އެޖެންޓް ޙޯރހޭ މޭންޖިސް ބުނެފައިވަނީ މޮޑްރިޗަށް މޮޅު ކުޅުންތެރިޔާގެ މަގާމް ލިބެން ނުޖެހޭކަމަށާއި މޮޑްރިޗަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރު ކަމަށެވެ.
100 މިލިއަން ޔޫރޯގެ އަގަކަށް މިސީޒަނުގައި ރެއާލް މެޑްރިޑްއިން ޔުވެންޓަސްއާއި ގުޅުނު ރޮނާލްޑޯ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުނުނަމަވެސް ޔޫއީއެފްއޭގެ އެންމެ މޮޅު ފޯވާޑުގެ މަގާމް ރޮނާލްޑޯއަށް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް