ފާއިތުވެދިޔަ ރައީސުންނަށް ގޮންޖެއްސެވުމަށްފަހު، ރައީސް ޔާމީން މިވަނީ ސިނަމާލެ ބުރިޖު ހަގީގަތަކަށް ހައްދަވާފައެވެ. އެމަނިކުފާނުގެ ބަހުންނަމަ، މިއީ ތަރައްގީގެ ދަތުރުގައި ލިބުނު ކާމިޔާބެކެވެ. އިގުތިސޯދީ އާ ދޮރާއްޓެކެވެ.
ތެދެކެވެ. ސިނަމާލެ ބުރިޖަކީ މިރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއެވެ. ދުނިޔޭގައި މިޒާތުގެ މަޝްރޫއުތައް ހިންގުމަށް ހޭދަވާވަރަށްވުރެ ހާސްގުނަ އިތުރަށް ހޭދަކޮށްގެން ނިންމާފައިވާ މަޝްރޫއެވެ. އާންމު ހިދުމަތެއް ފޯރުކޮށްދޭން ދައުލަތަކުން ހިންގި މަޝްރޫއެއްގެ އިސްތިހާރަށާއި ނަންވުމަށް އެންމެ ބޮޑު އެއްޗެއް ހޭދަކުރި މަޝްރޫއެވެ. އެ މަޝްރޫއެއްގެ ހަގީގީ މޭސްތިރިއަށް ވުމަށް އެންމެ ގިނަ އަދަދެއްގެ ރައީސުން ބޭނުންވި މަޝްރޫއެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި، އެ މާލޭގެ އަވަށެއް ކަމަށް ކިޔާ ހުޅުމާލެ ގުޅުވާލައި، ގްރޭޓަރ މާލޭގެ ހަގީގީ ބިންގާ އެޅުނު މަޝްރޫއެވެ. ގްރޭޓަރ މާލޭގެ ތަރައްގީގެ ރަމްޒެވެ. މި ރާއްޖޭގެ ތަރައްގީގެ ވެލިފުކެކެވެ.
ދުބާއީގައި ކާރުހާނާއެއް ހުޅުވުމަކީ، ނިއުޔޯކުގައި ޕާކެއް ހެދުމަކީ، ސިންގަޕޫރުގައި ލައިބްރަރީއެއް ގާއިމުކުރުމަކީ ނުވަތަ މާލޭގައި ބުރިޖެއް އެޅުމަކީ އެކަމެއްގެ ފޮނިމީރުކަން އެންމެނަށް ލިބޭނެކަމެއް ނޫނެވެ. އެކަމެއްގެ ރަހަ ބެލޭނީ، އެކަމެއް ގާއިމުވެފައިވާ ހިސާބަކަށް ދިއުމުންނެވެ. އަމުދުން، ޖަޒީރާވަންތަ މި ދިވެހިރާއްޖޭގައި އެކަން އޮތީ އެހެންނެވެ.
އިކޮނޮމިކްސް އިން އަސާސީ ޑިގްރީއެއް އޮންނަ ފަރާތަކުން ދަސްކޮށްފައި އޮންނާނެ އެއް ފިލާވަޅަކީ "ޕުލް ފެކްޓަރސް" އެވެ. ދަމާބާރުތަކެވެ. ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ޑިޕާޓްމަންޓްތަކެވެ. ގައުމީ ލައިބްރަރީއާއި ދާރުލްއާސާރާއި މުބާރާތްތަކާއި ބިނާތަކެވެ. ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް ކަމަށް ބުނެ، 25 ބުރިޔަށް ހަދަމުންދާ ހަސްފަތާލެވެ. މުނިސިޕަލް ކައުންސިލެއްގެ ބާރުނުހިނގާ ގޮތަށް، މަދަނީ ހަޔާތް ބައްޓަންކުރާ ގާނޫނީ އެއްވެސް ހަމަޔަކަށް ނުފެތި، އާރާސްތުކުރަމުންދާ ހުޅުމާލެއެވެ. ދަރިންގެ ދަރިންނަށް ދަރަނިދެމިގެންދާ އެއާޕޯޓެވެ. އެންމެ ފަހުން، ސިނަމާލެ ބުރިޖެވެ. އެބައިމީހުންގެ ތަރައްގީގެ ރަމްޒެވެ. އަހަރެމެންގެ އަޅުވެތިކަމުގެ ރަމްޒެވެ. އެބުނާ ދޮރާއްޓަކީ، މަދު އަދަދެއްގެ މުއްސަނދީންނާއި ބިންވެރީންގެ ދުއްކާނުތަކުގެ ދޮރާއްޓެވެ.
ސިނަމާލެ ބުރިޖަކީ ކޮންމެހެން ދިވެހީންގެ ތަރައްގީގެ ރަމްޒެއް ނޫނެވެ. އަދިކިއެއްތަ، އެއީ މަދު އަދަދެއްގެ މުއްސަނދީންނާއި ބިންވެރީން ފިޔަވައި އެހެން ހުރިހާ ދިވެހީންގެ އަޅުވެތިކަމުގެ ރަމްޒެވެ.
އަޅުވެތިކަމުގެ ފެށުމަކީ، އެ ބުރިޖާ ގުޅުވައިގެން ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ފިސާރިބޮޑަށް ސަނާކިޔަންޖެހުމެވެ. ޓެކްސް ދައްކާ ދިވެހީން ޖާމިނުވާގޮތަށް ދައުލަތުން ހިންގާ އެއްވެސް މަޝްރޫއަކާ ގުޅިގެން މިހާބޮޑަށް ހަމްދުސަނާ ކިޔަންޖެހިގެން ނުވާނެވެ. ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ވަހީދާއި، ރައީސް ޔާމީންވެސް މި ބުރިޖުގެ ކްރެޑިޓް ނަގަން ބޭނުންވަނީ އަމަށަކު ވަރަކަށް ނޫނެވެ. ހީވަނީ އެހެން ކަމެއް ހެންނެވެ. އެހެންކަމުން، އެފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުން މިއަދު މަރުވެޝަހީދުވަމުން އެދަނީ ބުރިޖުގެ މޭސްތިރިޔާ ކަށަވަރުކުރުމަށެވެ. ހަހެއް ނެތި، ވަކި މީހަކަށް މިވަރަށް މަރުދިނުމަކީ އަޅުވެތިކަމެކެވެ.
ދެވަނައީ މިރާއްޖޭގެ އެތެރޭގެ ކަންކަމުގެ ތެރެއަށް، މި ފަދަ މަޝްރޫއުތައް މެދުވެރިކޮށް ވަދެ، ގަދަފައި ވިއްދަމުންދާ ގަދަފަދަ ގައުމުތަކުގެ އަޅުވެތިކަމުގެ ދަށަށް މަޑުމަޑުން މި ކުޑަކުޑަ ގައުމު ވަންނަމުންދާ ދިއުމެވެ. ހާރިޖީގުޅުންތައް ދެމެހެއްޓުމުގައި، ދުވަހަކު އެއްފަރާތަށް ނުޖެހޭވަރަށް، މިވަގުތު ދިވެހިރާއްޖެ މިވަނީ އިރުމައްޗަށް ޖެހިފައެވެ. ޗައިނާއާއި ސައުދީގެ ކަސްތޮޅުގައި ބަނދެވި، ގޮނޑިކޮއްކޮ ގައުމަކަށް ވެފައެވެ. އެ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމުގައި އެހީތެރިވުމުގެ ގޮތުން، އެހެނިހެން ގައުމުތަކާ މޫނުކެނޑެމުން، ގުޅުންކަނޑަމުން ދާ ގައުމަކަށް ވެފައެވެ. ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ޗައިނާގެ ދަލުގައި ފިސާރި ރަނގަޅަށް ޖެހިފައިވާ ޝިކާރައަކަށް ވެފައެވެ. ބިދޭސީ އަޅުވެތިކަމުގެ ހިތިރަހަ ފެންނަންފަށާފައިވާ، ޒާތީ މިނިވަންކަން ކުޑަވަމުންދާ ގައުމަކަށް ވެފައެވެ.
ތިންވަނައީ، އެތެރޭގެ އަޅުވެތިކަމެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. މިރާއްޖޭގެ ވެރިރަށަކީ މާލެއެވެ. އެހެނަސް، އޭގެ މާނައަކީ ދައުލަތުގެ ނަމުގައި ހޭދަކުރާ 80 ބިލިޔަން ރުފިޔާއިން 70 ބިލިޔަން ރުފިޔާ ހޭދަކުރަނީ އެ ރަށަށް އެކަނި ކަމަށް ހަދަންޖެހޭ ވާހަކައެއްނޫނެވެ. އެނޫން ސަރަހައްދަކުން، ތައުލީމާއި އަސާސީ ސިއްހީ ފަރުވާއާއި ބޯހިޔާވަހިކަމާއި ރައްކާތެރިބޯފެނާއި ވަޒީފާގެ ފުރުސަތުތައް ލިބުނަނުދީ، އެހެނިހެން ސަރަހައްދުތަކަކީ ވެރިރަށުގެ އަޅުވެތިކަމުގެ ދަށުގައިވާ ސަރަހައްދުތަކަކަށް ހަދަންޖެހޭ ވާހަކައެއް ނުމެނޫންމެވެ.
ރިޔާސީ ބޮޑު ވައުދަކަށް ނުވިޔަސް، ސިނަމާލެ ބުރިޖު ނިމިއްޖެއެވެ. އެހެނަސް، ކޮންމެ އަތޮޅަކަށް ވައުދުވީ ހުޅުމާލެ ވީތަނެއް ނޭނގެއެވެ. ސިނަމާލެ ބުރިޖު ހުޅުވާއިރު ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލުވެގެންދާނޭ ކަމަށް ބައެއް ވަޒީރުން ބުނެއްޕެވެ. އެކަމަކު، ސަރަހައްދީ ތަރައްގީއަށް އިންކާރުކުރަމުން، މާލެ ވަށައިގެން ނޫނީ ދިވެހީން ދިރިއުޅުނަނުދިނުމަށް މަރުކަޒީގޮތުން އެތަކެއް ކަމެއް ކުރެވެމުންދާ މިވަގުތުގައި، ސިނަމާލެ ބުރިޖަކީ މާލެ ނޫން ރަށްރަށުގެ ރައްޔިތުންގެ އަޅުވެތިކަމުގެ ރަމްޒެއް ފިޔަވައި އިތުރު ކޮން އެއްޗެއް ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް