އިންތިހާބެއް ފަސް އަހަރުން ބޭއްވުމުގެ މުހިންމުކަމާއި ވޯޓުލުމުގެ މުހިންމުކަމަށް އަލި އަޅުވާލައި މަރްހޫމް އިބްރާހިމް ޝިހާބު ދެއްކަވާފައިވާ ވާހަކަފުޅެއް މީސްމީޑިއާގައި ވައިރަލްވެއްޖެއެވެ.
އެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވަނީ ފަސް އަހަރުން އެއް އަހަރު ގައުމުގެ ވެރިޔަކު ހޮވުމުގެ ބާރު ރައްޔިތުންނަށް ލިބޭ ހިނދު ވޯޓުލުމުގެ ކުރިން ވިސްނަންވީ ކަންކަމުގެ މައްޗަށެވެ.
އެ ވާހަކަފުޅު ތިރީގައި އެވަނީއެވެ.
"މިހާރު މި އުސޫލު، ޖުމްހޫރީ އުސޫލު ރޭވިފައި އޮންނަގޮތުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންނަށް އަނެއްކާ ފުރުސަތެއް އެބަދޭ އެބައިމީހުންގެ މިދެންނެވި މަތިވެރި މަގާމަށް ނަގާފައިހުރި މީހާ، އެމީހާ އެ މަގާމުގައި ބަހައްޓާނީތޯ، އެމީހާ އެހެން މަގާމަކަށް ބަދަލުކޮށް އަލުން ބޭކަލަކު އެތަނަށް ގެންނާނީތޯ ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ކޮންމެ ފަސް އަހަރަކުން އެއްފަހަރު މިތަން އެބައާދޭ.
އެއީ މިޒަމާނުގެ ޑިމޮކްރަސީގައި އޮތް މޮޅުކަމެކޭ ބުނެވިދާނެ، ވެރިކަމުގެ އެންމެ ބޮޑު ބާރު އޮތް ރައްޔިތުންގެ އަތްމައްޗަށް ފަސް އަހަރުން ފަސް އަހަރުން އެ ބާރުދެނީ އެބައިމީހުން ބޭނުން މީހަކު ހޮވަން.
މި އަޅުގަނޑުމެން ހަނދާންކުރަންވާނެ، އަޅުގަނޑުމެންގެތެރޭގައި ތިބި އެކި އެކި ޝަހްސިއްޔަތުތަކާ ދިވެހި އުންމަތުގެ ރައްޔިތުން ވިސްނަވަންވާނެ އެކަން އަދާކުރުމުގެ ގާބިލިއްޔަތާއި ލިޔާގަތު ހުރި ފަރާތްތަކުގެ މައްޗަށް އަޅުގަނޑުމެން ފިކުރު ކުރަންވާނެ، ވޯޓު ދޭ ދުވަހު (ބުނި ބަސް ސީދާ ސާފެއްނޫން) ބަޔަކު ގެންދިޔައިމަ ދާގޮތަށްގޮސް އެތާނގައި އަކުރެއް އަޅާފައި އައުމުން އަޅުގަނޑުމެން ރައްޔިތުންގެ ވާޖިބު އަދާވީއެއް ނޫން. އެކަން ރަނގަޅަށް ދަންނަންވާނެ، އަޅުގަނޑުމެންގެ ބޮލުގައި އޮތް މަސްއޫލިއްޔަތެއްކަން، އެކަން އަޅުގަނޑުމެން އަދާނުކުރުން ވެގެންދަނީ ދީނިގޮތުންވެސް އަޅުގަނޑު ވިސްނާ ހަމައިގާ ހަމަ ނޫންކަމަށް. އެއީ ﷲ ސުބްހާނަހޫ ވަތައަލާ އަޅުގަނޑުމެންގައި އެޅުއްވި އަމާނަތުގެ ބޮޑު މަސްއޫލިއްޔަތު އަދާނުކުރިމީހާ
މި ބާވަތުގެ ކޮންމެ ކަމެއްގައި ރައްޔިތުން ހިއްސާވެ މިދެންނެވިހެން ވިސްނާއިރު ސަލާމަތް ބުއްދި ހުރި މީހެއްވިއްޔާ ވިސްނޭނެ އަޅުގަނޑުމެންގެ ރާއްޖެ އިރު އޮތްތަނާ އަޅުގަނޑުމެންގެ ރާއްޖެ އަދު އޮތްތަނާ އަޅުގަނޑުމެންގެ ރާއްޖެ މާދަމާ ދާންވީތަން.
ދިވެހި ރާއްޖޭގެ ނަވުގެ ހުންގާނު އަޅުގަނޑުމެން ހަވާލުކުރި މީހަކު އެކަން ކުރަމުންދާގޮތާ، ދިވެހިރާއްޖޭގެ ނާ ދާންވީ މިސްރާބާ ނާ ދަތުކުރަންވީ ތަނާ އެދިމާލަށް ދަތުރުރެވޭނެ ކުޅަދާނަކަން އެ ހުންގާނުގައި ހިފަން އެކީގެންވަނީ ކާކުކަން. ހިފައިގެންހުރި މީހާ އެ ދަތުރުކުރީ ކިހިނެއްކަމާ، ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ އެއީ އަޅުގަނޑުމެންނަށް ވިސްނޭނެ އެއްޗެއް އޭގެ އަބަދުވެސް މާޒީއާ ހާލުގެ ވިސްނުމުގެ މައްޗަށް ސަލާމަތުގެ ބުއްދި ހުރި ބަޔަކު މުސްތަގްބަލު ބިނާކުރާނީ."
މަރްހޫމް އިބްރާހީމް ޝިހާބު އަކީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ. އެއީ ކުޅަދާނަ ވާހަކަ ދެއްކުންތެރިޔެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ދިވެހި ރާއްޖޭގެ ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވެވި އިއްޒަތްތެރި އެކެވެ. އިބްރާހީމް ޝިހާބު އަވަހާރަވީ 25 ޖުމާދިލް އޫލާ 1408 ނުވަތަ 15 ޖެނުއަރީ 1988 ގައި ސްރީލަންކާ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް