ލޮކްޑައުނަށް ލުއި ދިން ފަހުން ކޯވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވެގެން ގޮސްފައިވަނީ އޮފިސް މާހައުލުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިދިޔަ މަހު އެއްވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމަޢަށް ޕޮސިޓިވްވި 655 މީހުންނަކީ އޮފީސް މާހައުލުން ބަލި ޖެހުނު މީހުން ކަމަށެވެ. އެއީ މިދިޔަ މަހު ބަލި ޖެހުނު މީހުންގެ 31 ޕަސެންޓެވެ.
ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީވެސް އެކި މަސައްކަތްތައް ކުރުމަށް ތަންތަނަށް ގޮސް އުޅުމުގެ ތެރޭގައި އެވެ. އެގޮތުން އެފަދަ ތަންތަނުން 564 މީހަކަށް ބަލި ޖެހުނު އިރު އެއީ މިދިޔަ މަހު ބަލި ޖެހުނު މީހުންގެ 27 ޕަސެންޓެވެ.
ދެން އެންމެ ގިނައިން މީހުން ޕޮސިޓިވްވެފައިވަނީ ކެފޭ/ ރެސްޓޯރެންޓުތަކާއި ފިހާރަތަކުންނެވެ. އެގޮތުން ރެސްޓޯރެންޓު/ ކެފޭތަކުން 154 މީހަކަށް ބަލި ޖެހުނު އިރު ފިހާރަތަކުން 89 މީހަކަށް ބަލި ޖެހިފައިވެ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެއްކޮށްފައިވާ މައުލޫމާތުތަކުގެ ނަތީޖާއަށް ބަލައި އެ ސެންޓަރުގެ އަމާޒު ހުރީ އޮފީސް މާހައުލުގައި ރައްކާތެރިކަން ކަށަވަރުކޮށްފައި ހުރި ވަރު ބެލުމަށް ކަމަށް ބުނެފައިވެ އެވެ. އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ އެޗްޕީއޭއިން ކޯވިޑް-19 އާއި ގުޅިގެން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގަވައިދުތަކަށް އޮފީސްތަކުގައި އަމަލު ކުރޭތޯ ބަލަން ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ތަންތަނަށް ދާން ފަށާނެ ކަމަށެވެ.
އޮފީސްތައް ހުޅުވައި ހިދުމަތް ދިނުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކެއްގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ހިދުމަތް ދިނުމަށެވެ. އެކަމަކު ގިނަ ތަންތަނުން އެ އުސޫލާއި އެގޮތަށް އަމަލު ނުކުރާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިހާރު ކުރިޔަށް ގެންދަނީ ކެފޭ/ ރެސްޓޯރެންޓުތަކާއި ފިހާރަތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަނުގައި ގަވައިދަށް އަމަލު ކުރޭތޯ ބަލަން ކުރިޔަށް ގެންދާ އިންސްޕެކްޝަނެވެ. މި އިސްޕެކްޝަންގައި މިހާތަނަށް 70 އަށްވުރެ ގިނަ ތަންތަން ބަންދުކޮށްފައިވެ އެވެ.
އެ ތަންތަން އަލުން ހުޅުވުމުގެ ހުއްދަ ދެނީ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތައް އަޅައި އެކަން އެޗްޕީއޭއަށް އެންގުމުން އަލުން ބެލުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް