މިފަހަކަށް އައިސް ފޭސްބުކުގައި ޕޭޖްތައް ވަރަށް ގިނަވެއްޖެއެވެ. ޕޭޖުގެ ލައިކްސް އާއި ހިޓްސް އިތުރުކުރުމުގެ ގޮތުން ތަފާތު އެއްޗެހި ޕޯސްޓްކޮށް ފޭސްބުކުގައި ދައުރުކުރެއެވެ. ފޭސްބުކަކީ އަދިވެސް ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ވާއިރު، މީހުން ފޭސްބުކުގައި ހޭދަކުރާ ވަގުތު ވެސް ވަރަށް ގިނައެވެ.
ލީކުވާ ބަރަހަނާ ފޮޓޯ ތަކާއި ވީޑިއޯތައް މި ޕޭޖްތަކުގައި ދައުރުވާލެއް ވަރަށް އަވަހެވެ. ޕޭޖުތަކުގައި އެންމެންނަށް ފެންނަ ގޮތަށް އެތަކެތި އާންމު ކުރެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ބަޔަކު ބަލައި، އެތަކެތި މުޅި ސޯޝަލް މީޑިއާގައި ދައުރުވާން ފަށައެވެ. ޕޭޖުތައް ހިންގާ މީހުންނަށް އެއީ ވަރަށް މަޖާ ކަމަކަށްވީ ނަމަވެސް، އެއީ ބޮޑު ފާފައެއްކަން އިނގޭ ހެއްޔެވެ. އެ ނަގައިލެވެނީ ކިތައް މީހުންގެ ޢިއްޒަތާއި އަބުރުކަން އިނގޭ ހެއްޔެވެ.
ފޮޓޯތައް އާންމުކޮށް ލީކު ކުރާ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކާއިރު، އެއްގޮތަކަށް ވެސް އެ ފޮޓޯ އާއި ވީޑިއޯ ނަގާ ފަރާތްތަކާއި އެއްކޮޅަށް އަޅުގަނޑު ވާހަކައެއް ނުދައްކަމެވެ. ޔަގީނުންވެސް އެތަކެތި ނަގައި، މީހުންނަށް ފޮނުވާ މީހުންވެސް އެކުރަނީ ފާފައެކެވެ. ބަރަހަނާ ފޮޓޯ ނަގައި ވީޑިއޯކުރާ ފަރާތްތަކުން އަމިއްލައަށް އެމީހުންގެ ޢިއްޒަތާއި އަބުރު ނަގައިލަނީ ފަހުން ވާނެ ގޮތަކާއި ދޭތެރޭ ނުވިސްނައެވެ. ނަމަވެސް އެތަކެތި ލީކުކޮށްލާ ފަރާތްތަކުން ވެސް ވިސްނާލަން ޖެހެއެވެ.
"އަންހެން ކުދިންގެ ފޮޓޯ ޕަބްލިކަށް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ރަގަޅު ކަމެއް ނޫން. އަންހެން ކުދިންގެ ޢިއްފަތަކީ ވަރަށް އަގު ބޮޑު އެއްޗެއް. އަންހެން ކުދިންގެ ޒީނަތްތެރި ކަމަކީ އެކުދިންގެ ފިރިންނަށް އެކަނި ހާއްސަ އެއްޗެއް. ފިރިހެން ކުދިންގެ ފޮޓޯ ވެސް އާންމު ކުރުން ރަގަޅެއް ނޫން. ނަމަވެސް އަންހެން ކުދިންގެ އިއްފަތާއި އަބުރަކީ ވަރަށް އަގުބޮޑު އެއްޗެއް. އަބުރަކީ ކޮންމެ މީހެއްގެ ވެސް އޮންނާނެ އެއްޗެއް. އަންހެނެއް ފިރިހެނެއް ނޯންނާނެ. ބަރަހަނާ ފޮޓޯތައް ލީކު ކުރުން އެއީ ވަރަށް ބޮޑު ފާފައެއް. އެހެން ބައެއް ކުށެއް ކުރިކަމުގައި ވިޔަސް އެ ލީކް ކޮށްލުން އެއީ ފާފައެއް." ޑރ. އިޔާޒް ވިދާޅުވިއެވެ.
ލީކުވާ ފޮޓޯ އާއި ވީޑިއޯތައް ޕޭޖުތަކުގައި އާންމު ކުރުމުގެ ސަބަބުން މުޖުތަމައަށް ވެސް އެކަމުން ނޭދެވޭ އަސަރު ކުރެއެވެ. ކުޑަ ކުދިންވެސް މިހާރު ބޭނުންކުރާ ފޭސްބުކުން ތިބާގެ ކޮއްކޮ އަކަށް ނުވަތަ ދަރިޔަކަށް އެ މަންޒަރުތައް ފެންނަން ބޭނުންވޭ ހެއްޔެވެ. އެއީ ތިބާގެ އާއިލާގެ މީހަކު ނުވަތަ ރައްޓިއްސެއްގެ ފޮޓޯތަކެއް ނަމަ، ދެންވެސް އެތަކެތި ސޯޝަލް މީޑިއާގައި އާންމު ކުރާނަން ހެއްޔެވެ. ވާހަކައެއް ބުނަން ހެއްޔެވެ. އެފަދަ ތަކެތި އާންމު ކުރުމަކީ އެއްވެސް "ސަޅި" ކަމެއް ނޫނެވެ. މިފަދަ ތަކެތި އާންމު ކުރާ އާންމު ފަރުދުން އުޅޭކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
އެހެން ބަޔަކު ކުރާ ފާފައެއް މުޖުތަމައުގައި އާންމުކޮށް، އެ ބަރަހަނާ މަންޒަރުތައް އެހެން މީހުންނަށް ދެއްކުމަކީ ވެސް ބޮޑު ފާފައެކެވެ. ބަރަހަނާ މަންޒަރުތަކަށް ލޮލުން ބެލުމަކީ ލޮލުން ކުރެވޭ ޒިނޭއެވެ. އެހެން ބަޔަކު ކުރާ ފާފައެއްގެ ތެރެއަށް، އެހެން މީހުން ނުވައްދާށެވެ. އެ ފޮޓޯތައް އާންމު ނުކުރާށެވެ. ލީކުކުރާ މީހުންނަށް ޕޭޖުތަކުން އިތުރު ހިތްވަރު ނުދޭށެވެ.
އަދި ހަމަ އެހެންމެ، އެކަހަލަ ފޮޓޯ އާއި ވީޑިއޯ ނުކުރާށެވެ. ލޯބިވެރިޔާ އަށް ލޯބިވާކަން ޔަގީން ކޮށްދިނުމުގެ ގޮތުން ފޮނުވާ ފޮޓޯގެ ސަބަބުން ތިބާގެ ހަޔާތް އެކީ ބަނަވެދާނެއެވެ. މިއީ ހައްތަހާވެސް ވިސްނަން ޖެހޭ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް