ރިޝްވަތުގެ ކުށުގެ ބިލް އަބްދުއްރަހީމް މަޖިލީހަށް ވައްދާފައިވަނީ އިއްޔެ

ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމަށް ރިޝްވަތުގެ ބައި ހިމަނައިގެން ގެނެސްފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ކުރިން ވައްދާފައިވާކަމަށް ޕީޕީއެމް އިން ކުރިން ބުނެފައި ވީ ނަމަވެސް، އެ ބިލް ފޮ...

01 Aug 2018 | 12:07

ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމަށް ރިޝްވަތުގެ ބައި ހިމަނައިގެން ގެނެސްފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ކުރިން ވައްދާފައިވާކަމަށް ޕީޕީއެމް އިން ކުރިން ބުނެފައި ވީ ނަމަވެސް، އެ ބިލް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް މަޖިލީހަށް ވައްދާފައިވަނީ އިއްޔެގައި ކަމަށް ހާމަވެއްޖެއެވެ. އެކަން ހާމަވެފައިވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެބިލް، މަޖިލީހަށް ވަން ތާރީޚެއްކަމަށް 31 ޖުލައި 2018 ގެ 14:00 ކަމަށް ޖަހާފައި ވުމުންނެވެ.

ބިލެއް މަޖިލީހުގެ އިދާރާއަށް ވެއްދުމާއެކު އެބިލެއް މަޖިލީހަށް ބަލައިގަތްކަން އަންގައިދޭ ތައްގަޑެއް ކޮންމެ ބިލެއްގައިވެސް ޖަހައެވެ. އެތައްގަނޑުގައި މަޖިލީހުގެ އިދާރާއިން އެބިލް ބަލައިގެން މީހާއި އާއި ބިލް ބަލައިގަތް ތާރީޚާއި ވަގުތާއި ހަވާލުކުރަންވީ ސެކްޝަނާއި ސެކްޝަނަށް ލިބުން މީހާގެ ސޮއި ކުރަން އިނދެއެވެ. އަދި ބިލްގައި އެބިލެއް މަޖިލީހަށް ހުށަހެޅުއްވި މެމްބަރެއްގެ ނަމާއި ސޮޔާއި އެދުވަހެއްގެ ތާރީޚު ޖަހައެވެ. މިބިލްގައި ބިލް ސްޕޮންސަރ ކޮށްފައިވާކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް އަބްދުﷲ ސޮއިކޮށްފައިވާ ތަނުގެ ތިރީގައި ޖަހާފައިވަނީ އިއްޔެގެ ތާރީޚެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރ އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ ,އިސްލާހުގެ ބިލުގައި ޤާނޫނުލް އުޤޫބާތުގެ 510 ވަނަ މާއްދާގައި ބަޔާންކުރާ ރިޝްވަތުގެ ވާހަކައިގެ ބަދަލުގައި އެ މާއްދާއަށް ކޯޓުތަކުގެ ހުރުމަތް ކެނޑުމާއި ގުޅޭ އިސްލާހެއް ހުށަހެޅުމާއެކު، އެ ޤާނޫނުގެ 510 ވަނަ މާއްދާގައި އަސްލު ބުނާ ،ދައުލަތުގެ މުވައްޒަފުންގެ އަމަލުތަކުގެ ތެރެއިން ރިޝްވަތުގެ ކުށް އުވިގެން ހިނގައިދާނެކަމަށް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ނާއި ސިޔާސީ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ. މިކަމާ ގުޅިގެން ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވީ ޤާނޫނުލް އުޤޫބާތުން ރިޝްވަތުގެ ކުށް އުވިގެން ނުދާނެކަމަށާއި، އެކަމަށް ވަކި ބާބެއް ކަނޑައެޅިގެން ދާނެކަމަށެވެ. އަދި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ހުށަހަޅުއްވާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

އަބްދުއްރަހީމް މި ހުށަހަޅުއްވާ ބިލާއި ކުރިން މަޖިލީހަށް ހުށަހެޅި ކޮމެޓީ ސްޓޭޖުން ނިމިފައިވާ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހީމް ދީދީ ހުށަހެޅުއްވި ބިލާ ދެ ބިލް އެއީ އެއް ފަހަރާ ހުށަހަޅަން ހަމަޖެހިފައިވާ ދެ ބިލްކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ކަންކަން ކުރިޔަށްދިޔަ ގޮތުން އަބްދުއްރަހީމް ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމަށް އައިސްފައި ނުވަނީކަމަށް ނިހާން އިއްޔެވަނީ ވިދާޅުވެފައެވެ.

" އަބްދުއްރަހީމް މި އިސްލާހު ހުށަހަޅާފައި އޮންނަތާ ހަމަ ވީ ދުވަހެއްވީ މި އިސްލާހާއެއްކޮށް. ނަމަވެސް އަޅުގަނޑުމެންގެ ޕާލިމެންޓް ގުރޫޕު މެންބަރުންގެ މެދުގައި މަޝްވަރާ ކުރުންމީ އެއް ކަންތައް. އަޅުގަނޑު ދަންނަވާފައިވާނެ މީގަ ކުރީގަ ވެސް ބިލެއް ހަމަ އައުމާ އެއްކޮށް މެންބަރުންގެ މެދުގަ އެ ބިލު މަޝްވަރާ ކުރުމަށްފަހުގައޭ އަޅުގަނޑުމެން ވައްދަމުން ދަނީ. އެހެންވީމަ ފުރަތަމަ އިސްލާހު އަޅުގަނޑުމެން ވެއްދީ މަޝްވަރާކޮށްފައި. މި އިސްލާހު މަޝްވަރާކޮށްގެން ވައްދާފައި މަޖިލީހުގެ ފުރަތަމަ ކިއުން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި ކުރިއަށްދާ ގޮތަށް ނިންމާފަ އޮއްވާ މަޖިލީހުގެ މަސައްކަތްތައް ތަރުތީބުން ގެއްލިގެން ދިޔަ މިންވަރު ތިބޭފުޅުންނަށް ނޯޓު ކުރެވިފައި އޮންނާނީ، ޖަލްސާތައް ކުރިއަށް ގެންދިއުމުގަ ހުރި ދަތިތައް. އޭގެތެރޭގައި ލަސްވެފަ އެއޮތީ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވިއެވެ.

އިއްޔެ ނޫސްވެރިން ތަކުރާރުކޮށް މިބިލްގެ ފުރަތަމަ ކިޔުން އިއްވައިފިތޯ އާއި މިބިލް މަޖިލީހަށް ހުށަހަޅައިފިތޯ އެހުމުން ނިހާން ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ މިދެ ބިލްގެ މަސައްކަތް ކުރިޔަށްދާނީ އެކުއެކީގައި ކަމަށާއި  ދެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ކަންކަން ކުރިޔަށްދިޔައީ އެކުއެކީގައި ކަމަށެވެ. މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކޮށް އެބިލް ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާފައިވާއިރު ކޮމެޓީ މަރުހަލާ ނިމިފައިވާ މީގެ އަނެއް ބިލްވެސް ވަނީ މިއަދު ހުށަހެޅި ބަހުސްކުރި ބިލާއެކު ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާފައެވެ.

ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހެޅި ބިލުގެ ސަބަބުން ރިޝްވަތުގެ ކުށް އުވިގެންދާ ގޮތަށް އެބިލް ކޮމެޓީން ފާސްކުރުމާއެކު ބައެއް ޤާނޫނީ ވަކީލުންނާއި ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. އެކަމާގުޅިގެން ޕީޕީއެމް އިން މީޑިޔާގައި ވާހަކަ ދައްކާފައިވަނީ އޭގެ އެއް ދުވަސް ފަހުން އިއްޔެ މި ބިލް މަޖިލީހަށް ހުށަހެޅުމަށް ފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް