ކުޅުދުއްފުށީ ކުޅީގެ ބާކީ ބައި ހިމާޔަތްކޮށްދިނުމަށް އެދެފި

ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށްޓަކައި އެރަށުގައި ވާ ކުޅިން ނުހިއްކާ އޮތް 70 ޕަސެންޓް ހިމާޔަތްކޮށްދިނުމަށް އެރަށުގައި ހަރަކާތްތެރިވާ ތިމާވެށި ޖަމިއްޔާއެއްކަމަށްވާ ބިލީފް ގެ ފަރާތުން ކުޅުދުއްފުށީގެ ...

01 Aug 2018 | 11:32

ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށްޓަކައި އެރަށުގައި ވާ ކުޅިން ނުހިއްކާ އޮތް 70 ޕަސެންޓް ހިމާޔަތްކޮށްދިނުމަށް އެރަށުގައި ހަރަކާތްތެރިވާ ތިމާވެށި ޖަމިއްޔާއެއްކަމަށްވާ ބިލީފް ގެ ފަރާތުން ކުޅުދުއްފުށީގެ ކައުންސިލުގައި އެދިއްޖެއެވެ.

އެޖަމިއްޔާގެ ފަރާތުން ކުޅުދުއްފުށީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ، ބުނެފައިވަނީ އެއަރޕޯޓް އެޅުމަށް ކުޅީގެ 30 ޕަސެންޓް ހިއްކުމުގެ ސަބަބުން މިހާރު ނުހިއްކާ އޮތް 70 ޕަސެންޓަށް އެމަޝްރޫޢުގެ ސަބަބުން ނޭދެވޭ އަސަރުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި މަޝްރޫޢު ހިންގުމުގެ ކުރިން ހަދާފައިވާ އީ.އައި.އޭ ރިޕޯޓްގައި ބަޔާންކޮށްފައިވާ ގިނަ ކަންތައް ތަކަކަށް މަޝްރޫޢު ހިންގާ ފަރާތުން އިހުމާލުވެފައިވާކަމަށް ބިލީފް ގެ މިސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އިހުމާލުވެފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވަނީ، މަޝްރޫޢު ހިންގާ ސަރަހައްދު ކުޅީގެ ބާކީ އޮތްބައިން ވަކިކޮށްފައި ނެތުމުގެ ސަބަބުން ބާކީ އޮތް ސަރަހައްދަށް ކިސަޑުގެ އަސަރުކޮށްފައިވުމެވެ. ތިމާވެށީގެ ގޮތުން މަޝްރޫޢު ހިންގާ ސަރަހައްދާ އެއް ސިފަތަކެއް ހުރި އާ ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާ އެސަރަހައްދު ބެލެހެއްޓުމަށް މަޝްރޫޢު ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ކުޅި ހިއްކުމަށް ނެގުނު ޗަކައާއި ކިސަޑުގެ އިތުރުން ކެނޑި ބައެއް ގަސްތަކުގެ ކުނި ކުޅީގެ ބާކީ ސަރަހައްދަށް އަޅާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ކުޅީގެ ބާކީ އޮތް 70 އިންސައްތަ އެކަށޭނެގޮތެއްގައި ބެލެހެއްޓުމަށް، ކުޅުދުއްފުށީގައިވާ އެންމެ މަތީ މުއައްސަސާއަކީ ކައުންސިލްކަމަށް ވުމުން ކުޅި ހިމާޔަތްކުރުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކައުންސިލަށް އިލްތިމާސްކުރާކަމަށް ސިޓީގައި ވެއެވެ. އަދި އެތަނާމެދު އަމަލުކުރެވޭނެ ގޮތުގެ ލޭންޑް ޔޫޒް ޕްލޭނެއް ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެކުލަވާލާ ، އެ ޕްލޭން ރަށުގެ ރައްޔިތުންނާ ހިއްސާކުރުމަށް ބިލީފް އިން ވަނީ ގޮވާލާފައެވެ. އަދި ޕްލޭން އެކުލަވާލުމުގައި ރަށުގައި ހިންގާ ޖަމިއްޔާތަކާއި ކަމާގުޅުންހުރި ފަރާތްތަކާއި، ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ރައްޔިތުންގެ ބައިވެރިކުރުމަށް ވަނީ އެދިފައެވެ. މީގެއިތުރުން ކުޅި، ފާ ، ޗަސްބިން ފަދަ ތަންތަނުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ފެށުމަށްވެސް ވަނީ އެދިފައެވެ. މިކަންކަމުގައި ބިލީފްގެ އެހީތެރިކަން ކައުންސިލަށް ލިބޭނެކަމަށް މިސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

ކުޅުދުއްފުށީގެ އުތުރުގައި އޮންނަ ކުޅިއަކީ ރާއްޖޭގައި އޮންނަ އެންމެ ބޮޑު މަށީގެ ކުޅިއެވެ. އަދި އެއްތަނެއްގައި އެންމެ ގިނައިން ކުޅިފަދަ ތަންތަނުގައި ހެދޭ ގަސް ހެދިފައި ހުންނަ ތަނެވެ. ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށް ކުޅީގެ 30 ޕަސެންޓް ވަނީ ހިއްކާފާއެވެ. މިދިޔަ އަހަރު އެކުޅި ހިއްކަން އުޅުމުން ތިމާވެށީގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. ބިލީފް ޖަމިއްޔާއަކީ އެގޮތުން މަސައްކަތް ކޮށްފައިވާ އެއް ޖަމިއްޔާއެވެ. އަދި މިހާރުވެސް އެޖަމިއްޔާގެ ފަރާތުން ކުޅުދުއްފުށީގައި ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރަމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް