ހިނގަމުން މިދާ ދެވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 16 ގައި ނިމޭނެ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ނިމޭގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލު މަޖިލީހުން ފާސްކޮށްފިއެވެ. މިއަދު ކުރިޔަށްދިޔަ ޖަލްސާގައި މަޖިލީހުގ...

01 Aug 2018 | 10:02

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ނިމޭގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލު މަޖިލީހުން ފާސްކޮށްފިއެވެ. މިއަދު ކުރިޔަށްދިޔަ ޖަލްސާގައި މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ މި ބަދަލު ފާސްކުރުމަށް 26 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނައުމަށް ފާސްވެގެންމިދިޔަ މިއިސްލާހާއެކު މިހާރު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ފެށޭނެއެވެ. ތިންވަނަ ދައުރުގެ ޖަލްސާތައް ނޮވެމްބަރ މަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މިހާރު މިފާސްވި އިސްލާހާއެކު ފެށޭނީ މިހާރުވެސް ފެށޭމަސް ކަމަށްވާ ފެބްރުއަރީ މަހުއެވެ. އަދި ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދު ކުރިން ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ ޖޫން 1 ން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮކްޓޯބަރ 1 ން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށެވެ. ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ1  ން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިނގާ މުއްދަތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލުގެނައި މިއީ ދެވަނަ ފަހަރެވެ. ކުރިން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންގޮސްފައިވަނީ މަރޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޯބަރ މަހުން ފެށިގެން ޑިސެމްބަރ މަހުގެ ގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 89 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުވެސް މިއަދުގެ ޖަލްސާވަނީ ފާސްކޮށްފައެވެ.  އެއިސްލާހުގައި ބުނާގޮތުން ބިލެއް މަޖިލީހުން ފާސް ކުރުމުގެ ކުރިން އިތުރު އިސްލާހެއް ގެންނަ ބޭނުންވެއްޖެ ނަމަ، ނުވަތަ މާއްދާއެއް އުނި ކުރަން ހުށަހަޅަން ބޭނުން ނަމަ އެ ބިލު ކޮމިޓީއަށް ފޮނުވަން ނޫނީ އިސްލާހެއް މަޖިލީހަށް ގެންނަން ފާސް ކުރެވިދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް