އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާ، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ބައްދަލުކުރައްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގެ މަލްޓިޕަރޕަސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޮމާންޑަރުންނާއި މުޚާތަބުކޮށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވިވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގެ ކަންކަން އަމާންކަމާއިއެކު ކުރިއަށް ގެންދިއުމަށް ފުލުހުން ކުރަންޖެހޭ ކަންކަން ފުރިހަމައަށް ކުރުމާއި، ރަށްރަށުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ދުރާލާ ކުރަންޖެހޭ ކަންކަން ދެނެގަނެ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށް އިރުޝާދު ދެއްވިއެވެ. އަދި ކޮމާންޑަރެއްގެވެސް އަމާޒަކަށް ވާންވީ އިންތިޚާބުގެ ކަންކަން އަމާންކަމާއި ސުލްޙަވެރިކަމާއެކު ނިންމާލުމަށްކަމަށާއި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ބްލޫ ވޭވް" ގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ޑެޕިއުޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި އަތޮޅުތަކަށް ދިއުމަށް ހަމަޖެހިފައިވާ ކޮމާންޑަރުންނާއި މާލޭގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް