ސްޕެނިޝް ލީގުގައި ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑްއާ 2-2 އިން އެއްވަރުވެ، ބާސެލޯނާއަށް އަނެއްކާ ވެސް އިތުރު ނުތަނަވަސް ކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ކޯވިޑް-19 ބްރޭކްއަށް ފަހު އަލުން ލީގު ފެށިއިރު، 2 ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ 1 ވަނައިގައި އޮތް ބާސާ މިހާރު އޮތީ ތާވަލުގެ 2 ވަނައިގައެވެ. ބާސާއަށްވުރެ 1 މެޗު މަދުން ކުޅެފައިވާ ރެއާލް މެޑްރިޑް މިހާރު ލީގުގެ 1 ވަނައިގައި 1 ޕޮއިންޓްގެ ލީޑަކާއެކު އޮތްއިރު، މިރޭ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ 4 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.
ލީގު ތަށި ހޯދުމުގެ ރޭހުގައި ބާސެލޯނާ ފަހަތަށް ފިޔަވަޅު އަޅަން ފެށީ ކޯވިޑް-19 އަށްފަހު އަލުން ލީގު ފަށައި، މެޗުތަކަކުން އެއްވަރުވާން ފެށި ހިސާބުންނެވެ. މިގޮތުން، އަލުން ލީގު ފެށިފަހުން ސެވިއްޔާ، ސެލްޓަ ވިގޯ އަދި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބާސެލޯނާ މި ވަނީ އެއްވަރުވެފައެވެ.
ރޭގެ މެޗު ފަށައިގެން ބާސެލޯނާއިން އަމިއްލަ ދަނޑުގައި މޮޅަށް ކުޅެމުން ދިޔައިރު، އެ ޓީމަށް މެޗުގެ ކުރީކޮޅު ލީޑު ލިބުނީ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެސީ ނެގި ކޯނަރު ސާފުކޮށްލަން ކޯސްޓާ ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅު ގޯލަށެވެ.
ބާސާއަށް ލީޑު ލިބި މާކަ ގިނައިރުތަކެއް ނުވެ، ނަތީޖާ ހަމަހަމަ ކުރުމަށް އެތުލެޓިކޯއަށް ފުރުސަތު ލިބުނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ކަރަސްކޯއަށް އާތުރޯ ވިދާލް ކުރި ފައުލް އަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ބައިކޮޅަށް ވަން ގޯލުގެ ބަދަލުގައި ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތުގައި ކޯސްޓާ ޖެހި ޕެނަލްޓީ ބާސާގެ ގޯލްކީޕަރ ޓާ ސްޓެގަން ދިފާއުކުރިއެވެ. އެހެނަސް، ޕެނަލްޓީ ޖެހިއިރު، މާކުރިން ގޯލު ހުރަސް ރޮނގުން ބޭރަށް ނުކުތުމުން ސްޓެގަންއަށް ރީނދޫ ކާޑެއް ދައްކައި އަލުން ޕެނަލްޓީ ޖެހުމަށް ދިނެވެ. މި ފުރުސަތުގައި އެތުލެޓިކޯގެ މެދުތެރެއަށް ކުޅޭ ސައުލް ވަނީ ހިތްގައިމު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްލާފައެވެ.
ބާސާއަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ލިބުނީ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑުންނެވެ. މިއީ މެސީގެ 700 ވަނަ ލަނޑެވެ.
<
CONGRATULATIONS TO LEO #MESSI FOR SCORING THE 700TH GOAL OF HIS PROFESSIONAL CAREER!
— FC Barcelona (@FCBarcelona) June 30, 2020
630 ????????
70 ????????
???? pic.twitter.com/slHPEwoekA
>
ބާސާ މޮޅުވާން ދަނިކޮށް މެޗުގެ ފަހުކޮޅުގައި، އެތުލެޓިކޯއަށް އަނެއްކާ ވެސް ނަތީޖާ ހަމަހަމަކޮށްލެވުނީ ލިބުނު ޕެނަލްޓީއަކުންނެވެ. ކަރަސްކޯއަށް ބާސާގެ ފުލްބެކް ސެމެޑޫ ކުރި ފައުލްއަކަށް ދިން މި ޕެނަލްޓީ ވެސް އެތުލެޓިކޯއަށް ކާމިޔާބު ކޮށްދިނީ ސައުލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް