ހ ހާޖަރާގޭ ލުތުފީ ދިވެހި އެމްބަސީއެއްގެ ހިމާޔަތުގައި ފިލައިގެން އުޅެން ފުރުސަތު ދިނުމަކީ ޝަހީދުވި ދަރިންގެ އާއިލާތަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމުގައި ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ފަހުގެ ތާރީޙުގައި ދިވެހިން ދުށް އެންމެ ބޮޑު އުދުވާނީ ހަމަލާގައި، އިސް ދައުރެއް އަދާކުރި ހ.ހަޖަރާގޭ ލުތުފީ، ދިވެހި އެމްބަސީއެއްގެ ހިމާޔަތުގައި ފިލައިގެން އުޅެން ފުރުސަތު ދިނުމަކީ ޝަހީދުވެގެން ދިޔަ އެތަކެއް ދަރިން އިންސާފުން މަހްރޫމްކޮށް އެ އައިލާތަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ.!" ދުންޔާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ދުންޔާ މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު ލުތުފީ މިހާރު ހުރީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. އެކަން ސަރުކާރުން އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ދޮގެއް ނުކުރެއެވެ.
ފުލުހުން ބުނެފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހު ލުތުފީ، ދިވެހި އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވެ، ހުކުމުގެ ނުނިމި އޮތް ބައި ފުރިހަމަކުރަން ރާއްޖެ އަންނަން ބޭނުންވާކަމަށް ބުނެފައިވާކަމަށެވެ. ލުތުފީ ގެނައުމުގެ މަސައްކަތް އެދުވަހުން ފެށިގެން ކުރަމުން އަންނަކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
https://twitter.com/dunyamaumoon/status/1145700525905608705
ފުލުހުން މިހެން ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ލުތުފީ ދިވެހި އެމްބަސީ އާއި ހަވާލުވީ ލަންކާގައި ބޮން ގޮއްވުމުގެ އެއް ދުވަސް ކުރިން ކަމަށެވެ. އެހެންކަމަށްވާނަމަ އެއީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހެވެ. ލަންކާގައި ބޮން ގޮއްވާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައެވެ.
ކޮންމެއަކަސް ލުތުފީ ދިވެހި އެމްބަސީއަށް ގޮސް އަމިއްލައަށް އަމާން ދީފައިމިވަނީ ލަންކާގައި ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގެ ސިފައިންނާއި ފުލުހުން، އެ ގައުމުގެ އެކި ތަންތަން ބަލާ ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވަނިކޮށެވެ. އެހެންކަމުން ލުތުފީ އަމިއްލައަށް އެ ހަވާލުވީ ސަލާމަތްވާނެ އިތުރު ގޮތެއް ނެތިގެން ކަމަށް ބެލެވެއެވެ.
ލުތުފީ މެއި މަހުގެ އެއްވަނަ ދުވަހު އެމްބަސީއާ ހަވާލުވި ނަމަވެސް ސަރުކާރުން އެކަން ތިބީ ސިއްރު ކޮށްގެނެވެ. އެކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު އެކަން ފަޅާ އަރުވާލުމާއެކު ސަރުކާރުން ވަނީ އެކަން ހާމަކޮށް ލުތުފީ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް