ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިގެން ހޯދަމުން ދިޔަ ޝައިމް އަބްދުﷲ، މާލެ ގެއެއްގެ ތެރެއިން ހޯދައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން މާލޭގެ ގެއެއްގެ ތެރެއަށް ގަދަކަމުން ވަދެ، މިހާރު ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވެއެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އިން ޝައިމް ގެއްލުނީ އެތަނަށް އެސެސްމެންޓެއް ހަދަން ގެންގޮސްފައި ހުއްޓައި ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޝައިމް އަކީ ކުށުގެ ވެށިން ގެނެވުނު ކުއްޖެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޝައިމް މިއަދު ހޯދާފައި ވާއިރު، ޝައިމް ފެނިފައި ވަނީ ކޮން ހިސާބަކު ހުރި ކޮން ގެއަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ޝައިމް މިހުރިހާ ދުވަހު ހުރީ ގޭންގެއްގެ ހިމާޔަތުގެ ދަށުގައި ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް